ރައީސް ނަޝީދަށް ޚާއްސަކޮށްފައިވާ ޖަލު އަދިވެސް ނުނިމޭ

ރައީސް ނަޝީދު ޝަރީއަތް ނިންމުމަށްފަހު ފުލުހުންގެ ވެހިކަލްގައި ވަޑައިގަންނަވަނީ: ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން ނަޝީދަށް ޚާއްސަކޮށް މާފުށީގައި ހަދަމުންދާ ޖަލު އަދިވެސް ނުނިމޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ ކޯޑިނޭޓަރު މޫސާ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދަށް ޚާއްސަކޮށްފައިވާ ޖަލުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމުމަށް އެ ސާވިސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް "ސީދާ މަސައްކަތް ނިންމާލެވޭނެ ތާރީޚެއް ދަންނަވަން ދަތި" ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ޚާއްސަކޮށްފައިވާ ޖަލުގެ މަސައްކަތް ނިމިފައި ނުވާއިރު ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ނަޝީދަށް ޚާއްސަކޮށްފައި ޖަލުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަށް ޖަލުގައި ތައްޔާރު ކުރަނީ އިންސާނުން އުޅެން އެކަށީގެން ނުވާތަނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަަޑުފަތުރާފައި ވީނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ނަޝީދަށް ޚާއްސަކޮށްގެން މާފުށީ ޖަލުގައި ތައްޔާރުކުރާ 264 ސްކެއާ ފޫޓުގެ އެޕާޓްމެންޓުގައި އޭސީގެ އިތުރުން ޓީވީ އަކާއި ވީސީޑީ ޕްލޭޔަރަކާއި 1087 ސްކެއާ ފޫޓުގެ ބަގީޗާއެއްވެސް އޮއްނާނެ ކަމަށެވެ.

ޖަލުގެ ގައިދީން ވެސް ތަފާތު އެކި ކެޓަގަރީތަކަށް ބެހިގެންދާ ކަމަށާއި އެގޮތުން ރައީސް ނަޝީދު "ކެޓަގަރައިޒް ކުރެވިފައި ވަނީ ވީއަޕީ ކެޓަގަރީގައި" ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައި އެވެ. ނަޝީދަށް "ޖަލުގެ އެހެން އެކުވެރިންނާއެކު އުޅުއްވޭނެ" ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިރު އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ޔަގީންކޮށްދޭ ކަމަށާއި އަދި ނަޝީދު ދޫނިދޫގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އުމަރު ވަނީ ވިދާޅުވެފައި އެވެ.

މާފުށީ ޖަލުގައި ނަޝީދަށް ހާއްސަކޮށް ތައްޔާރުކުރާ އެޕާޓްމަންޓް ނިމެންދެން ނަޝީދު ބަހައްޓާފައި ހުންނެވީ ދޫނިދޫގަ އެވެ.

comment ކޮމެންޓް