ރާއްޖެ އަށް މި ލިބޭ އެވޯޑް ތަކަކީ ކުރެވޭ ޕްރޮމޯޝަންގެ ނަތީޖާ: އެމްއެމްޕީއާރުސީ

އައިޓީބީގައި ރާއްޖެ އަށް ލިބުނު އެވޯޑާއި އެމްއެމްޕީއާރުސީން ހަވާލުވަނީ. ފޮޓޯ. އެމްއެމްޕީއާރުސީ

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އަށް ލިބޭ އެވޯޑްތަކަކީ ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރެވޭ މަސަައްކަތްތަކުގެ ނަތީޖާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވީ އައުޓްލުކް މެގަޒިން އިން ހޮވާ އޭޝިއާގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެ އަށް ލިބުމުން އެކަމާއި ގުޅިގެން ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

" މި އެވޯޑްގެ ސަބަބުން އޭޝިޔާ ސަރަހައްދުން ޚާއްސަކޮށް އިންޑިޔާ އިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަަމަށް ގަބޫލުކުރެވެނީ" ޒިޔަތު ވިދާޅުވިއެވެ.

އައުޓްލުކް އަކީ އިންޑިޔާގެ އެންމެ މައްޝޫރު ޓްރެވަލް މެގަޒިންއެވެ. ރާއްޖެ އަށް މި އެވޯޑް ލިބިފައި ވަނީ ފަސް ގައުމަކާއި ވާދަކޮށްގެންނެވެ. އެއީ ބޫޓާން، ޖަޕާން، ތައިލެންޑް، ވިއެޓްނާމް އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، އައިޓީބީ ބާލިން ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ މިއަހަރު ތިންވަނަ ލިބިފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައެވެ.

comment ކޮމެންޓް