އިދިކޮޅު ޕާޓީތަކުން އާޓިފިޝަލް ބީޗްގައި މިރޭ ޖަލްސާ ބޭއްވީ ހުއްދަ ނުހޯދައި: މުއިއްޒު

މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ ---

އެމްޑީޕީ އާއި އަދާލަތު ޕާޓީން ގުޅިގެން "އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން"ގެ ނަމުގައި މިރޭ އާޓިފޝަލް ބީޗުގައި ޖަލްސާ ބޭއްވީ ހުއްދަ ނުހޯދައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޖަލްސާ ބޭއްވީ އެ މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނުހޯދައި ކަމަށެވެ. އަދި އެ ޖަލްސާގައި ކަރަންޓް ބޭނުން ކުރަމުން ގެންދަނީ ވެސް ސްޓެލްކޯއިން ވަގުތީ ކަރަންޓްނުހޯދައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މިރޭގެ ޖަލްސާގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އެ ޖަލްސާ ކުރިއަށް ގެންދަނީ ސްޓެލްކޯގެ ކަރަންޓް ބޭނުން ނުކޮށް، އަމިއްލަ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަރަންޓް ނަގައިގެން ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވަން ހުއްދަ ހޯއްދެވި ކަމަށް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި އެއްވެސް ހަރަކާތެއް ކުރިއަށް ގެންދެވޭނީ ހައުސިން މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށާއި އެ މިނިސްޓްރީއަށް ނޫން ފަރާތްތަކަށް އެ ހުއްދަ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް