ބިލަބޮންގް ސްކޫލްގައި ޒުވާނަކަށް ކަތިވަޅިން ހަމަލާދިން މަންޒަރު ނުފެނޭ: ހެކިން

ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގެ ތެރޭގައި ޒުވަނަކަށް ކަތިވަޅިން ހަމަލާދިން މަންޒަރު ނުފެންނަ ކަމަށް ދައުލަތުން ހުށަހެޅި ހެކީން ބުނެފިއެވެ.

އެ ހާދިސާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގއ. ދާންދޫ ފަހުދާވާދީ ފައްސާން ވަލީދު އާއި، ހ. ރޯޒަންޑޭލް ޝައިބާން ޒުފްރަތު އިސްމާއީލް އާއި، ހ. ސައިބާން އަލީ ރިފާންގެ އިތުރުން ގދ. ގައްދޫ ދަނބުފަށުއިގޭ އުލްޔާން އަހްމަދުގެ މައްޗަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން އިންޑިއާގެ މީހާ ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 3 ޖަހައި އެހައިކަންހާއިރު އޭނާ ސްކޫލްތެރޭގައި ހުއްޓައި ޒުވާނަކު ދުވެފައި ސްކޫލްތެރެއަށް ވަން ކަމަށެވެ. އަދި ސްކޫލް އޮފީސްތެރޭގައި އެ ޒުވާނާ ހުއްޓައި ފަހަތުން ބަޔަކު ވަތްކަމަށާއި، އެ ތަނުން އެކަކު ވަޅިން އެ ޒުވާނާ އަށް ހަމަލާދިނުމަށްފަހު، ދުވެފައި ދިޔައީ ކަމަށާއި، ހަމަލާދިނީ ކާކުކަން ބުނެދޭން ނޭނގޭ ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

އެމީހާ ބުނީ ވަޅިން ހަމަލާދިނީ ކާކުކަން ނޭގުނުނަމަވެސް ދައުވާ ލިބޭ މީހުންގެ ތެރެއިން ރިފާން ދަނޑިބުރިއަކުން އެ ޒުވާނާއަށް ހަމަލާދިންތަން ފެނުނު ކަމަށެވެ.

"ޒުވާނާއަށް ދަނޑިބުރިން ހަމަލާދޭން ފެށުމުން އެކަން ހުއްޓުވުމުގެ ގޮތުން ހަމަލާދިން މީހާގެ ގައިގައި އަޅުގަނޑު ހިފެހެއްޓިން" ހެކިބަސްދިން އިންޑިއާގެ މީހާ ބުންޏެވެ.

ސްކޫލްތެރޭގައި ރިފާން ހިފަހައްޓާފައި ހުއްޓައިފެނުނު ކަމަށް އިތުރު ތިން މީހަކު ވަނީ ހެކިބަސްދީފައެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ވެސް މީހަކު ހެކިބަސްދިނެވެ.

"ޕްރިންސިޕަލް ހުރީ ޕޮލިސް މީހާ ޖެހިގެން އެއިން މީހާ [އަލީ ރިފާން] ހިފަހައްޓައިގެން، " ހެކިބަސްދިން މީހަކު ބުންޏެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ޒުވާނާއަށް ކަތިވަޅިން ހަމަލާދިނީ ދައުވާ ލިބޭ މީހުންގެ ތެރެއިން ފައްސާނު ކަމަށެވެ. އެހެންނަމަވެސް އޭނާ ކަތިވަޅިން ހަމަލާދިން މަންޒަރު ނުފެންނަ ކަމަށް ހެކިބަސްދިން މީހުން ވަނީ ބުނެފައެވެ. އޭނާ އެ ޒުވާނާއަށް ހަމަލާދިންތަން ނުފެނުނު ކަމުގައި ވިޔަސް އޭނާގެ އަތުން ކަތިވަޅި އެއް ފެނުނު ކަމަށް ވަނީ ހެކިބަސްދީފައެވެ.

އޭނާގެ އަތުން ފެނިފައި ވަނީ އެންމެ ކަތިވަޅިއެއް ކަމަށް ހެކިބަސްދިން އެކަކު ބުނިނަމަވެސް ދެވަނަ މީހާ ބުނީ އޭނާ ސައިކަލްގެ ފަހަތުގައި އިން އިރު އަތުގައި ދެ ކަތިވަޅި އޮތްކަމަށެވެ.

އެ ހަތަރު މީހުން ބިލަބޮންގް ސްކޫލް ކައިރިއަށް ދިޔައީ ދެ ސައިކަލެއްގައި ކަމަށާއި ތިން މީހަކު އެތެރެއަށް ވަތްއިރު އެކަކު ސްކޫލް ބޭރުގައި ހުރި ކަމަށް ވެސް ހެކިބަސްދިން މީހަކު ބުންޏެވެ. އެމީހާ ބުނީ ބޭރުގައި މަޑުކޮށްގެން ހުރީ ޝައިބާންކަމަށެވެ. ޝައިބާނާ ދެކޮޅަށް އިތުރު އެއްވެސް ހެކިބަހެއް ލިބިފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަހުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރިކަމަށް ވެސް ފާހަގަކުރެވުނެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލުގައި ބައިވެރިވީ ހަތަރު މީހުން ކަމުގައި ބުނާއިރު، އޭގެތެރެއިން ސްކޫލްތެރެއަށް ވަނީ އެކަކު ކަމަށާއި އަނެއްމީހާ ހުރީ ބޭރުގައި ކަމަށް މީހަކު ވަނީ ހެކިބަސްދީފައެވެ.

ދަނޑިބުރިން ހަމަލާދޭން ފެށުމުން ސްކޫލްތެރޭގައި ރިފާން ހިފަހައްޓާފައި ހުރި ކަމަށް ބުނާއިރު، ހެކިބަސްދިން އިތުރު މީހަކު ބުނީ ހަތަރު މީހަކު ސްކޫލްތެރެއިން ނުކުމެގެން ދިޔަތަން އޭނާއަށް ފެނުނު ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއުގައި ހުށަހެޅި ދެ ހެކީންގެ ހެކިބަސް ވެސް ވަނީ ނަގައިފައެވެ. އެގޮތުން ހެކިބަސްދިން ދެ މީހުން ވެސް ބުނެފައި ވަނީ ތިން މީހަކު ދެ ސައިކަލެއްގައި ދިޔަތަން އެމީހުންނަށް ފެނުނު ކަމަށާއި އެއީ ދައުވާ ލިބޭ މީހުން ނޫންކަން އެމީހުންނަށް ޔަގީންވާ ކަމަށެވެ.

އެ ދެ މީހުން ވެސް ބުނީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ދެ ސައިކަލްގައި ދިޔައީ ބާރު ސްޕީޑުގައި ކަމަށާއި ފުޓުބޯޅަ ކުޅެން ގޮސް އުޅޭއިރު ދައުވާ ލިބޭ ހަތަރު މީހުން ފެނިދެނިވެ އުޅޭތީ އެދުވަހު ސައިލްގައި ދިޔައީ ދައުވާ ލިބޭ މީހުން ނޫންކަން ޔަގީންވާ ކަމަށެވެ. އަދި އެކަކު ބުނީ ސައިކަލްގައި ދިޔަ މީހުންގެ މޫނު އޭނާއަށް ފެނުނި" ސައިޑަކުން" ކަމަށާއި ސައިކަލްގެ ފަހަތުގައި އިން މީހާގެ އަތުގައި ކަތިވަޅިއެއް ވެސް އޮތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އިތުރު އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

comment ކޮމެންޓް