ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލޭގައި 2017 ވަނަ އަހަރު 19 އަހަރުގެ މޫސާ އަހުމަދު މަނިކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި ތިން މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ދައުވާ ސާބިތުވެ ޖަލު ހުކުމްކުރިއިރު، ބާކީ ދެ މީހުން ސަލާމަތްވެއްޖެއެވެ.
ވ. ކެޔޮދޫ، ދޭލިޔާގެ، މޫސާ އަހުމަދުމަނިކު މަރާލީ ސެޕްޓެމްބަރު 23، 2017 ވަނަ ދުވަހުގެ ރޭ، މާފަންނު ދުނބުރި މިސްކިތް ސަރަހައްދުގައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ.
އޭރު އެ މާރާމާރީ ހިންގި ސަރަހައްދުން، އެކަމުގައި ބައިވެރިވި މީހުން ދުއްވަން ގެންގުޅުނު ދެ ސައިކަލަކާއި، ހަމަލާދިނުމަށް ބޭނުންކުރި ވަޅިއެއް މަގުމަށްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެއެވެ.
މޫސަ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ސ. ހިތަދޫ، މުޑުދާސްގެ، އަލީ ހަސަނާއި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދާއި ނ. ޅޮހި، ކަނީރުމާގެ، މުޙައްމަދު ރިޔާޒުގެ މައްޗަށެވެ.
އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ، އެ ދައުވާގެ އެންމެ މުހިންމު އެއް ރުކުނަކީ ކުށުގެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަމަލެއް ކޮށްފައި އޮތުމުގެ ރުކުން ސާބިތުވުން ކަމަށެވެ. އެގޮތުން މޫސަ މަރާލުމުގައި ބައިވެރިވުމުގެ އަމަލެއް ކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިވަނީ އަލީ ހަސަންގެ މައްޗަށް އެކަނި ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން މޫސައަށް ހަމަލާދިން ފަރާތަކާއެކު ސައިކަލުގައި އޭނާ ފަހަތުން ގޮސް، ކުށުގެ އަމަލު ހިންގި ތަނަށް ގެންގޮސްދިންކަން ސާބިތުވެފައިވެއެވެ. ނަމަވެސް ކުށުގައި ބައިވެރިވުމުގެ އަމަލެއް ރިޔާޒާއި އިޖާދު ކޮށްފައިވާކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމުގައިވެއެވެ.
އެ މައްސަލައިގައި އަލީ ހަސަންގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިއެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ކެނޑުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އަށް އަހަރާއި ހަ މަހާއި އެއް ދުވަހެވެ.
އެ މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް އުފުލިއެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ 22ގައި ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އެ ހުކުމުގައިވަނީ ހަމަލާ ދިން މަންޒަރު ފެނުނު ހެކީން ހެކިބަސް ދިނުމަށް ހާޒިރުވެފައި ނުވާ ކަމަށާއި ހެކިބަސް ދިން މީހުން ވެސް، ސީދާ ސައްމާހު ހަމަލާ ދިން ކަމަށް ބުނެފައިނުވާ ކަމަށް ފާހަގަކޮށްފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން ނެގި އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލްތައް ވެސް ސައްމާހުއާ ގުޅުވެން ނެތް ކަމަށް ހުކުމުގައިވެއެވެ.