ތިނަދޫގައި ހުޅުޖެހި ދައުވާއަށް 80 މީހަކު އިންކާރުކޮށްފި

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހަކު ޝަރީއަތަށް ހާޒިރުވަނީ ---- ސަން ފޮޓޯ/ އަހްމަދު އާޒިފް

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ފެބްރުއަރީ 8، 2012، ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތެއްގައި ހުޅުޖެހި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި 80 މީހުން ދައުވާއަށް އިންކާރުކޮށްފި އެވެ.

ދައުވާ ލިބޭ 89 މީހުންގެ ތެރެއިން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި ވަނީ 81 މީހުންނެވެ.

އެ މީހުންގެ މައްޗަށް ކުރާ ދައުވާތައް އިއްވާފައި ވަނީ މިއަދު ހެނދުނު 10:00 ހަވީރު 4:00 އަށް ކްރިމިނަލް ކޯޓުގަ އެވެ. އޭގެ ތެރެއިން އެކަކަށް އަޑުއިވުމުގައި އުނދަގޫތަކެއް ކުރިމަތިވާތީ އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާއެކު އެ އެންމެން ވެސް ބުނެފައި ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރުކުރާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާއެކު ކަމަށާއި އަމިއްލައަށް ވަކީލަކު ހަމަނުޖެއްސިއްޖެނަމަ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބައެއް މީހުން ބުންޏެވެ.

ޓެރަރިޒަމްގެ ދައުވާ ލިބޭ ތިނަދޫ ކައުންސިލަރު އަލްމާސް ޒުހައިރު: އޭނާ ވަނީ ދައުވާއަށް އިންކާރު ކުރައްވާފައި --- ސަން ފޮޓޯ: އަހްމަދު އާޒިފް

"އަޅުގަނޑަށް ދައުވާ ސާފުވެއްޖެ. ދައުވާ އަށް އަޅުގަނޑު އިންކާރު ކުރަން. ފުރަތަމަ އަޅުގަނޑު މަސައްކަތް ކުރާނީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން ނަމަވެސް އަމިއްލައަށް ހަމަނުޖެއްސިއްޖެނަމަ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުން،" ޓެރަރިޒަމްގެ ދައުވާ ލިބޭ މީހަކު ބުންޏެވެ.

ތިނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ސަނީފް (ކ) އާއި ދައުވާ ލިބޭ އިތުރު މީހަކު ޝަރީއަތަށް ހާޒިރުވަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

އެމީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އެ އެންމެން އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސް ސްޓޭޝަނަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާ ލިބޭ ދެ މީހަކު ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި: އެ ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް

ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ އުފުލާފައިވާ 89 މީހުންގެ ތެރެއިން ބައެއް މީހުން ގދ. އަތޮޅު ކައުންސިލް އިދާތެރެއަށް ވަދެގަތުމާއެކު އެތަނުގެ ބޭރުގައި ތިބި ބައެއް މީހުން އެމީހުންނާ މުޚާތަބުކޮށް އެތަނަށް ގެއްލުންދިނުމަށް ގޮވާހަދާފައިވާ ކަމަށެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން ގދ. ތިނަދޫ ލައިޓްރޯސް އިބްރާހީމް މުހައްމަދާއި އެރަށު ރިހިވެލި އަހްމަދު ރިޝާމް ޝަރީފް ޕޮލިސް ސްޓޭޝަންގެ ވެހިކަލެއްގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެ މީހުންގެ ތެރޭގައި ހިމެނޭ ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ގައިސު ކޯޓުގެ ބައެއް ތަކެތީގައި ހުޅުޖަހާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލް މެމްބަރު ސައު އަލީ (މ) އަދި ދައުވާ ލިބޭ ބައެއް މީހުން: އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެއެވެ. އެއީ ތިނަދޫ ކައުންސިލްގެ ކުރީގެ މެމްބަރު ހައުލަތު އަލީ އާއި ތިނަދޫ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކުރީގެ ރައީސާ އެރަށު ފެހިކޮކާ އަފީފާ އަފީފެއެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތަކީ ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމުގެ ތުހުމަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ބައްޕާފުޅު އަހްމަދު ހިލްމީގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އޭނާ ވެސް ވަނީ މިއަދު ކޯޓަށް ވަޑައިގެންފަ އެވެ. ދައުވާ ލިބޭ އެންމެން ބައިތިއްބާނެ ޖާގަ ނެތުމާއެކު ބައެއް މީހުން ބައިތިއްބާފައި ވަނީ ޖަސްޓިސް ބިލްޑިންގެ ތިރީގަ އެވެ. ޝަރީއަތްކުރާ ކޮޓަރީގައި ޖާގަނެތުމާއެކު ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ބައިބަޔަށް ބަހާލައިގެންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވަނީ އެ ޝަރީއަތް ހިންގާ ގޮތާ ބެހޭގޮތުން ސުވާލެއް އުފެދިފައިވާނަމަ އެކަންކަމާ ސުވާލު ކުރުމަށް އެ މީހުންނަށް ފުރުސަތު ދެއްވާފަ އެވެ. އެގޮތުން ގިނަ ސުވާލުތަކެއް އެ މީހުން ކުރިމަތިކުރެއްވި އެވެ. އަދި އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު އަބްދުﷲ ގާޒީ ވަނީ ދެއްވައިފަ އެވެ.

ތިނަދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިރު: އޭނާ ވެސް ވަނީ ދައުވާ އަށް އިންކާރުކުރައްވާފައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް

އެމީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބޮޑެތި ޚަރަދުތަކެއް ކުރުމަށްފަހު ޝަރީއަތަށް ހާޒިރުވާން މާލެއަންނަން ޖެހުމެވެ. އިސް ގާޒީ ވިދާޅުވީ އެކަންކަން ގަބޫލުކުރައްވާ ކަމަށާއި އެކަމުގައި ކޯޓަށް ކުރެވެނެކަމަކީ އަވަހަށް އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުން ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް