ތިނަދޫގައި ހުޅުޖެހި މީހުންގެ މައްޗަށް ގާނޫނު ހިންގައި ދިނުމަށް އަދުރޭ ގޮވާލައްވައިފި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ގާނޫނު ހިންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެދިވަޑައިގެންފި އެވެ.

ރުމާލު2 ޖަގަހާގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެ މީހުންނަކީ ގައުމަށް ޣައްދާރުވި ބައެއް ކަމަށާއި މިނިވަންކަމާއެކު މި ގައުމުގައި އުޅުމުގެ ފުރުސަތު އެމީހުންނަށް ދީގެންނުވާނެ ކަމަށެވެ.

އެހެންވީމަ މަނިކުފާނަށް މިރޭ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހައްގުގައި، ތިނަދޫ ރައްޔިތުންގެ ހައްގުގައި މިކަން ކޮށްދެއްވާށޭ. މާދަމާ މި ގައުމުގެ މުސްތަގުބަލް ބިނާކުރަން ބޭނުންވަންޏާ އެބަޖެހޭ މި ގައުމަށް ޣައްދާރުވާ މީހުންނަށް ހައްގު އަދަބު ދޭން،އަބްދުއްރަހީމް

އޭނާ ވިދާޅުވީ ރަށެއްގެ ރައްޔިތުންތަކެއް ކަމަށް ވިޔަސް ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހާފައިވާނަމަ އެބަޔަކަށް ހައްގު އަދަބު ދޭންޖެހޭ ކަމަށެވެ.

"8 ފެބްރުއަރީ ގަ މުޅި މިގައުމު އަންދާ ހުލިކޮށްލާފަ ބޭނުންހާ ގޮތަކަށް މި ގައުމުގައި އުޅޭކަށް ޖާގަ ދެވިގެން ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހާފައި --- ފައިލް ފޮޓޯ

ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހުޅުޖެހި ތަންތަނުގެ ތެރޭގައި ހިމެނެނީ ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓުގެ އިތުރުން ތިނަދޫ ޕޮލިސްޓޭޝަނެވެ.

އެ މައްސަލައާ ގުޅިގެން 89 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ދުވަސްވަރު، އެ މައްސަލައިގެ ހެކިބަސް ނެގުމަށް ހަފްތާ ބަންދުގައި އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުން ނިންމުމުން ދައުލަތުގެ ވަކީލަކު ފޮނުވާފައިނުވާތީ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖަހާފައި --- ސަން ފައިލް ފޮޓޯ

އެއަށްފަހު ޕީޖީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، އެ މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އޭގެފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެއްނުވެ އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ގދ. އަތޮޅު ކައުންސިލްގެ މީހާރުގެ ދެ މެމްބަރަކާއި ތިނަދޫ ކައުންސިލްގެ ދެ މެމްބަރަކު ވެސް ހިމެނެއެވެ. އެ މީހުން ނިސްބަތްވެވަޑައިގަންނަވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށެވެ.

comment ކޮމެންޓް