މިދިޔަ ރަމަޟާން މަހުގެ 27 ވަނަ ދުވަހެވެ. ދުވަހަކީ ހުކުރު ދުވަހެކެވެ. އޭނާ ހުކުރަށް ދިޔައީ އިސްލާމީ މަރުކަޒަށެވެ. ހުކުރުކޮށް ނިމިގެން މިސްކިތުން ފައިބައި ބަލައިލިއިރު، އޭނާ އަރައިގެން ދިޔަ ބޫޓެއް ބެހެއްޓި ތަނަކު ނެތެވެ. ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. ބޫޓު ފެނޭތޯއެވެ. ނުފެނުނެވެ. އެތަނުގައި އެތައް ފައިވާނަކާއި ބޫޓެއް ހުރުމުން ގޮތެއް ނިންމާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އަނެއްކާ ވެސް ދެތިން ފިޔަވަޅެއް ކުރިއަށް އަޅައިލުމަށް ފަހު، ބޫޓު ފެނޭތޯ މަސައްކަތް ފެށިއެވެ.

އިރުކޮޅަކުން އޭނާ ގާތަށް އައިސް މަޑުކޮށްލީ ޒުވާން ފުރައިގެ ސޮރެކެވެ. އޭނާ އަހައިލީ ތިއުޅެނީ ކޯއްޗެއް ހޯދަންތޯއެވެ. އޭނާ ވަގުތުން ބުނެފިއެވެ. މިއުޅެނީ މިތާ ބެހެއްޓި ބޫޓު ނުފެނިގެންނެވެ. ހަމަ ބުނާއިރަށް އެ ސޮރު ބުނެފިއެވެ. ފުލުސް އޮފީހުގައި ތިޔަ ބޫޓު އެެބަހުއްޓެވެ. އެ ސޮރާ ދިމާއަށް އޭނާއަށް ބަލައިލެވުނީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. މީގެ ކުރިން ފުލުސް އޮފީހަށް ގެންގޮސް ހައްޔަރުކުރަނީ މީހުންނެވެ. ފައިވާނާއި ބޫޓާއި އަންނައުނު ފަދަ ތަކެތި ގެންގޮސް، ބިޑިއަޅުވައި ހައްޔަރު ކޮށެއް ނޫޅެވެ.

"ފުލުސް އޮފީހުގައޭ؟"

ހައިރާންވެ އަންތަރީސްވެފައި ހުރެ، އޭނާއަށް މި ސުވާލު ކޮށްލެވުނީ، އެ ސޮރު ބުނި ބުނުމަށް އިތުބާރު ނުކުރެވި ހުރެއެވެ. ގަބޫލުކުރާން ފަސޭހަ ނުވެގެންނެވެ. އެހެންނަމަވެސް ކަންވީ އެސޮރު ހަމަ ބުނިހެންނެވެ. ބޫޓު ހުރީ ފުލުސް އޮފީހުގައެވެ. އެހެންނަމަވެސް ބޫޓު އެކަންޏެއް ނޫނެވެ. ބޫޓާއެކު ޒުވާންފުރައިގެ "ބަލި ކުއްޖަކު" ވެސް ހުއްޓެވެ.

ކަންވީގޮތް އެނގުނީ ރަތްދަކަ އަވީގައި، ފައި ފިއްސައިގެން ގޮސް، ފުލުން އޮފީހަށް ވަނުމުންނެވެ. އެތަނުގައި ހައްޔަރުކޮށްފައި އިން ސޮރު އެ ބޫޓަަށް އަރައިގެން ދާން އުޅެނިކޮށް، އެތަނުގައި ހުރި ފުލުހުންގެ މީހަކަށް ޝައްކު ވެގެން، އެ ސޮރު ފުލުސް އޮފީހަށް ގެންދިޔައީއެވެ. ބޫޓު ހޯދަނިކޮށް ފުލުސްއޮފީހުގައި ބޫޓު ހުރިވާހަކަ ބުނީ މި ބުނި ފުލުހުންގެ މީހާއެވެ.

ކޮންމެއަކަސް ފުލުސް އޮފީހަށް ދިޔުމުން އޭނާއަށް ބޫޓު ލިބިއްޖެއެވެ. ވަގުކަލޭގެއަށް ހެދިގޮތެއް ނޭނގެއެވެ. "ނަސޭޙަތް" ދީފައި އެއް ދުވަހެއްކަމަށް ދޫކޮށްލީކަމެއް، ނޫނީ ހައްޔަރުކުރީ ކަމެއް ނޭނގެއެވެ. އެ ވާހަކަ ބޭއްވީއެވެ.
މާލޭގެ މިސްކިތްތަކުން ފައިވާނާއި ބޫޓު ގެއްލުމަކީ، މީގެ އަހަރުތަކެއް ކުރީން، ހަމަ ގައިމުވެސް ވަރަށް ޢާންމު ކަމެކެވެ. ފައިވާނެއް ނުވަތަ ބޫޓެއް ނުގެއްލޭ ނަމާދެއް، ފާއިތުވާނީ މަދު ފަހަރަކުއެވެ. ބައެއް ފަހަރު، ތިން ހަތަރު މީހުން ހުސްފައިގައި ނިކުންނަތަން ފެންނާނެއެވެ. އެހެންނަމަވެސް މިހާރު އެމަންޒަރު ފެންނަލެއް ކުރިއާ އަޅައިބަލާއިރު މަދެވެ. އެހެންނަމަވެސް އެ ބަލި މުޖުތަމަޢުން ފިލައިގެނެއް ނުދެއެވެ.

ކަމަކީ ވައްކަމެކެވެ. ﷲގެ ގެކޮޅަށް އަރައި، އެކަލާނގެއަށް ސަޖިދަކޮށްފައި ނިކުމެ، އެކަލާނގެ ހަރާންކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަނެ، މީހެއްގެ މުދަލެއް، ތިމާގެ ޙައްޤަކަށް ހަދައިގެން ނިކުމެގެންދާއިރު، ބިރެއް ނުގަނޭބާވައެވެ؟ ގެއަކަށްވަދެ މީހެއްގެ ފޯނެއް ނުވަތަ އެހެންވެސް މުދަލެއް ވަގަށް ނެގުމަށްވުރެ ވެސް، މީގެ ނުބައިކަން ބޮޑެވެ. ވައްކަން މި ކުރެވެނީ މިސްކިތުންނެވެ. މިސްކިތަށް އަޅުކަމަށް އަރައި ހުރި މީހެއްގެ މުދަލުންނެވެ. އަނެއްކޮޅުން ވައްކަން ކުރި މީހާ، މިސްކިތުން މި ފައިބަނީ ނަމާދުކޮށްގެންނެވެ. އަޅުކަމަށްފަހު ޒިކުރާއި ތަސްބީޙައިގެ ބަދަލުގައި، ބޮޑު ފާފައެއް ކޮށްލައިގެން ދިޔުން މާ ގޯހެއް ނޫންބާވައެވެ؟

މިސްކިތުން ފައިބާއިރު ބޫޓުތަކާއި ފައިވާންތަކުން އެ ސަރަޙައްދު އޮންނާނީ ފުރިފައެވެ. ވަރަށް އަގުބޮޑު މޮޅު ބޫޓާއި ރީތި ފައިވާން ވެސް ފެންނާނެއެވެ. އެހެންނަމަވެސް އެއީ ތިމާ އަރައިގެން ދިޔަ ފައިވާން ނުވަތަ ބޫޓަށް ނުވާނަމަ، އެއާ ގާތް ނުވާށެވެ! ކިތަންމެ ބޭނުން ވިޔަސް ކިތަންމެ އަރާހިތް ވިޔަސް ނާރާށެވެ! އެއީ ކުރެވޭ ވައްކަމެކެވެ. ވައްކަމަކީ ފާފައެކެވެ. ފާފަކުރުމުން ކޮންމެވެސް އެއް ދުވަހަކުން އޭގެ ސަޒާ ލިބޭނެއެވެ. މިއަދު ރީތި ބޫޓަށް އަރައިގެން ހެވިފައި ހުރިނަމަވެސް، އެ ދުވަހުން ޖެހޭނީ ރޯށެވެ. އެހެންވީމާ ކިތަންމެ ރީއްޗަސް އޭގައި އަތް ނުލާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް