މަތިވެރިން ހިތްފަސޭހަ މަންޒަރެއް!

އީދު ކޭމަށް އިންސާފުކުރަނީ، ފޮޓޯ: މަތިވެރީ ކައުންސިލް ޕޭޖް

އަޟުޙާޢީދަކީ އުފާވެރިކަމާ އެކު މުސްލިމުންނާ ބައްދަލުކުރާ ދިވެހިންގެ ބޮޑު ޢީދެކެވެ. މި ދުވަސްވަރަކީ އީދުގެ އުފާވެރިކަމުން ރާއްޖޭގެ ރަށްރަށް ބަންޑުންވަމުން އަންނަ ދުވަސްވަރެވެ. އެ ގޮތުން އއ. މަތިވެރީގައި ވެސް، ބޮޑުޢީދުގެ އުފާވެރިކަން ވަނީ އިންތިހާގައެވެ. ވިއްސާރައިގެ ސަބަބުން އީދުގެ އުޖާލާކަމަކަށް މާ ބޮޑު ފަނޑުކަމެއް ނާދެއެވެ. އީދަށް ޚާއްޞަ ތަފާތު ހަރަކާތްތައް ބޭއްވެމުން އެބަ ދެއެވެ. ސަޤާފީ، ޒަމާނީ ކުޅިވަރުތައް ކުޅެވެމުން އެބަ ދެއެވެ. އޭގެތެރެއިން ވަރަށް ޚާއްޞަ ދެ ކަމެއް ފާހަގަކުރެވުނެވެ. އީދު ދުވަހުގެ ހެނދުނު ސަޔާއި މެންދުރު ކެއުމެވެ. ޚާއްޞަވީ، ޚާއްޞަ ސިފަތަކެއް އެ ކަންކަމުގައި ހުރީމައެވެ.

އީދުދުވަހުގެ އެންމެ ޚާއްޞަ ނަންބަރު ކަމަށްވާ، އީދުނަމާދުކުރުން މި އަހަރު ވެސް މަތިވެރީގައި އޮތީ، ރަށުގެ ފުޓުބޯޅަ ދަނޑުގައެވެ. ރަށުގެ ކުދިބޮޑު، އަންހެން ފިރިހެން އެންމެން ކަހަލަ ގޮތަކަށް އީދުނަމާދުގެ ބޮޑު ޖަމާޢަތުގައި ބައިވެރިވިއެވެ. ނަމާދު ނިމުމާ އެކު، އިވިގެން ދިޔައީ ކައުންސިލުން ކުރި އިއުލާނެއްގެ އަޑެވެ. އިރުދޭމާ ހިނގުމުގައި، ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކޮށްފައިވާ މެހެމާނުންނާއި ބިދޭސީންނަށް ތައްޔާރުކޮށްފައިވާ އީދުސައިގައި ބައިވެރިވުމަށް ދެވުނު ދައުވަތުގެ އިއުލާނެވެ. އެހެންކަމުން ދަނޑުން ފޭބިގޮތަށް އީދު ސަލާންކުރަމުން، ތަހުނިޔާ ބަދަލުކުރަމުން، އެންމެން މިސްރާބުޖެހީ އެ މަގާ ދިމާއަށެވެ. އަޅުގަނޑު ވެސް އެ ބައިގަނޑުގެ ތެރޭގައި ލާމެހިގެން، އެ ދިމާއަށް ހިނގައިގެންފީމެވެ.

މަތިވެރީ ރައްޔިތުން ބޮޑު ޖަމާޢަތުގައި އީދުނަމާދުކުރަނީ، ފޮޓޯ: މަތިވެރީ ކައުންސިލް ޕޭޖް

މަގަށް އެޅުމާ އެކު، ފެނުނީ ހީކުރިވަރަށްވުރެ، މާ ފުރިހަމަ މަންޒަރެކެވެ. މަގުގެ މެދުގައި، މޭޒަކާ ޖެހި މޭޒެއް، މަގުގެ ދިގަށް އަތުރާލައިފައި ހުރި އިރު، މޭޒުތައް ބަރާވެފައިވަނީ، އެކި ބާވަތްތަކުގެ ކުޅި ފޮނި ހެދިކާތަކާއި ޖޫހާއި ފަންޏާއި ކޮފީއާއި ސައި ފަދަ ތަފާތު ބުއިންތަކުންނެވެ. ސުފުރާމަތި ކިތަންމެހައި ވެސް މުއްސަންޖެވެ. ކާނެ އެއްޗެއް، ކާނެ ވަރަކަށް ކާންވަނީ ދޫކޮށްލެވިފައެވެ. އުސްފުންޏަށް ހެދިކާ އަޅާލައިގެން ތިބެ ކަމުން ގެންދާ މީހުން ވެސް ފެނުނެވެ. އުފާވެރި ހިނިތުންވުމާއި ސަމާސާ ވާހަކަތަކުގައި ތިބެ، ސައި ބޮއި ނިންމާލައިގެން އެންމެން ހިނގައްޖެއެވެ.

އެ ދުވަހު މެންދުރު ނަމާދުން ފޭބިއިރު، ރަށުގެ ފިރިހެންވެރިންގެ ގުރޫޕެއް، މިސްކިތްމަގުން އިރަށް އަންނަތަން ފެނުނެވެ. އެ ވެރިން އައީ، އެއް އަޑަކުން ރީތި ރާގަކަށް "ލަވައެއް" ކިޔަމުންނެވެ. ކިޔާ އެއްޗަކާ މެދު ވިސްނައިލުމުން އެނގުނީ، އެއީ ކެއުމަކަށް ދޭ ދައުވަތެއްކަމެވެ. މަތިވެރީގެ ބަހުން ދަންނަވާ ނަމަ "އީދު ކޭމަށް" ގޮވަނީއެވެ. އީދު ކޭމަށް ގޮވަމުން ރަށުގެ ބޮޑެތި ހުރިހައި މަގުތަކެއްގައި އެ މީހުން ހިނގިއެވެ. އެހައި ހިސާބުން ކޮންމެ މީހަކު ވެސް، އެ މީހަކު ކުރާން ހުރި މަސައްކަތެއް ބަހައްޓާފައި، ހިނގައިގަންނަނީ އީދު ކޭމާ ދިމާއަށެވެ. އަޅުގަނޑު ވެސް އާއިލާއާ އެކު އީދު ކޭމުގައި ބައިވެރިވުމަށް ޓަކައި ހިނގައިގަތީއެވެ. މިކަން އޮތީ ރަށުގެ ހުޅަނގު އުތުރުފަރާތު އަތިރިމަތީގައެވެ.

އީދު ބޮޑު ސަޔަށް އިންސާފުކުރަނީ، ފޮޓޯ: މަތިވެރީ ކައުންސިލް ޕޭޖް

މަޑު ހިނގުމެއްގައި ގޮސް، އުރުތުފަރާތު އަތިރިމައްޗަށް ފޭބުމާ އެކު، ފެނުނީ ހިތްފަސޭހަ މަންޒަރެކެވެ. އަތިރިމަތީގައި ހުރި ގަސްތަކުގެ ހިޔަލުގައްޔާއި ރުއްފަލުގެ ހިޔަލުގައި ރޯ ފަނާއި ސަތަރި އަޅާފައި، ކޭމަކާ ޖެހި ކޭމެއް އަތުރާފައި ހުއްޓައެވެ. ހުޅުވާލެވިފައިވާ ދައުވަތަކަށްވާތީ، ކުދިބޮޑު، އަންހެން ފިރިހެން އެންމެ ތަކުން، އެ ސަރަޙަށްދަށް ޖަމާވަމުން އާދެއެވެ. ކަނޑުގައި ފިރުމާލައިފައި އަންނަ ފިނިފިނި ވައިރޯޅީގެ ދީލަތިކަމާއި މި އުފާވެރި މަންޒަރު އެކުވުމުން ހިތަށް އިތުރު ތަނަވަސްކަމެއް ލިބުނެވެ. އުފާވެރި ހިނިތުންވުމާއި ސަމާސާ ވާހަކަތަކުގައި ތިބެ، ކެއުމަށް އިންސާފުކުރާން އެންމެން ފަށައިފިއެވެ. ބައެއް މީހުން ގޮނޑިތަކުގައި ތިބެއެވެ. ބައެއް މީހުން ފަނާއި ސަތަރިމަތީގައި، ދެފައި ވަށްކޮށްލައިގެން ތިބެއެވެ. ކޮޅަށް ތިބި މީހުން ވެސް ފެނެއެވެ.

އީދު ކޭމަށް އިންސާފުކުރަނީ، ފޮޓޯ: މަތިވެރީ ކައުންސިލް ޕޭޖް

ކުޑައީދާއި ބޮޑުއީދުގައި ބައްވާ މި ދެ ކެއުމަކީ، ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރަމުން އަނަން ކަމެކެވެ. ކައުންސިލުން ވިދާޅުވިގޮތުގައި، އީދު ބޮޑު ސައި ފެށީ 2012 ވަނަ އަހަރުއެވެ. އީދު ކޭން ތައްޔާރުކުރާން ފެށީ 2017 ވަނަ އަހަރުއެވެ. ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު، ހިނގަމުން އަންނަ މި ދެ ހަރަކާތުގެ މަޤުޞަދު ވަރަށް މާތެވެ. އީދުގެ އުފާވެރިކަން އިތުރުކުރުމެވެ. ރައްޔިތުންގެ އެކުވެރިކަން އާލާކުރުމެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ޚައިރާތެއްކޮށްލުމެވެ. މި މަޤުޞަދުތައް ކިތަންމެ ރަނގަޅަކަށް ވެސް ހާޞިލުވަމުން ދިޔައެވެ.

ހެނދުނުގެ ސައި އިންތިޒާމުކުރުމަށް ޓަކައި، ތައްޔާރުކުރާންޖެހޭ އެއްޗެހީގެ ލިސްޓެއް، ކޮންމެ ގެއަކަށް ވެސް ދުރާލައި ކައުންސިލުން ފޮނުވައެވެ. ފޮނި، ކުޅި ބާވަތުން ކަނޑައަޅާ ވަކި އަދަދަކަށް ހެދިކާއާއި ބޯނެ އެއްޗެއް މަގަށް ނެރުމަށެވެ. މި ކަމަށް ރަށުގެ ހުރިހައި ގެއަކުން ވެސް އުފަލާ އެކު އިޖާބަދެއެވެ. އެހެންކަމުން ސައިގެ ސުފުރާމަތި ފެނުނީ ވަރަށް މުއްސަނދިކޮށެވެ.

އީދު ކޭމުގެ ގޮތުގައި ތައްޔާރުކުރަނީ ޖުމުލަ 15 ކޭމެވެ. ރަށުގެ ހުރިހައި ގޭބިސީ، 15 ގުރޫޕަށް ބަހާލުމަށްފަހު، ކޮންމެ ގުރޫޕަކަށް ކޭމެއް ތައްޔާކުރަން ކައުންސިލުން އަންގައެވެ. އެ ކަމަށް ޓަކައި ކޮންމެ ގުރޫޕަކަށް ވެސް ކައުންސިލުން ފައިސާގެ އެހީއެއް ވެއެވެ. ކައުންސިލުން ދެކޭގޮތުގައި އެއީ ރަމްޒީ އެހީއެކެވެ. އެހެންކަމުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން، ކޮންމެ ގުރޫޕަކުން ވެސް މަސައްކަތްކުރަނީ، ވީހާ ވެސް ފެންވަރު ރަނގަޅުކޮށް ކޭމުގެ އިންތިޒާމު ހަމަޖެއްސޭތޯއެވެ. އެ ކަމުގެ ހެކިތައް ކޭމުގެ ސުފުރާމަތިން ފެނުނެވެ. އެކި ކޭންތަކަށް ވަކިވަކިން ނަޒަރު ހިންގައިލި އިރު، ނަން ހުސްކޮށް ހުއްޓެވެ. އެކި ނަންނަމުގެ ބަތާއި ރޮށްޓާއި ފަރާޓާއާއި ފެންފޮޅިއާއި ތަފާތު ބާވަތްތަކުގެ ރިހައާއި ހަނާކުރިމަހާއި ފިހުނުމަހާއި ސަޓަންޏާއި ރިހާކުރާއި ތެއްލިފަތާއި ފެނުކައްކާފައި ހުރި ކުކުޅުބިހާއި، ބިސްގަނޑާއި ފޮނިކާތަކެތީގެ ވައްތަރުތަކާއި ތަފާތު ރަހަތަކުގެ ބުއިންތަކާއި މިހެން ގޮސް އެތައް އެއްޗެކެވެ.

އީދު ކޭމަށް އިންސާފުކުރަނީ، ފޮޓޯ: މަތިވެރީ ކައުންސިލް ޕޭޖް

އީދާ ގުޅިފައިވާ ޚާއްޞަ މި ދެ މުނާސަބާ ވީ، ހިތަށް އުފަލާއި ފިނިކަން ގެނެސްދިން، ވަރަށް ކަމުދިޔަ ދެ މުނާސަބަތަށެވެ. މީރު ސަޔެއްގެ އުފަލާއި ފައްކާ ކެއުމެއްގެ ނަސީބު ލިބުނީމައި އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން ރަށާއި ރަށުގެ ރައްޔިތުންނަށް ކުރާނެ މަންފާ ބޮޑުކަމުން ވެސް މެއެވެ. އިންތިޒާމުކުރި ފަރާތްތަކަށާއި ބައިވެރިވި ފަރާތްތަކަށް ލިބުނު ހިތްހަމަޖެހުން ބޮޑުކަމުންނެވެ. ކައި ނިމި، ފެންބޮއި، ދުފާލައިގެން، އެ ހިތްފަސޭހަ މާހައުލާ ކޮންމެ މީހަކު ވެސް އަލްވަދާޢުކީ، އުފަލުން ފޮޅުފައިވާ ހިތަކާ އެކުގައެވެ. އަނެއް އީދަށް ކުރެވޭ ފޮނިފޮނި އިންތިޒާރަކާ އެކުގައި ވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް