މިއަދު މާލޭގެ ބުރަބޮޑު ބިމަށް މިވަނީކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައެވެ. ފިތުރުއީދާ ދިމާކޮށް ލިބުނު ދިގު ޗުއްޓީގެ ސަބަބުން، ގިނަ މީހުން ފުރަފުރައިގެން އެކި ދިމަދިމާއަށް ދަތުރުކޮށް ދިޔުމުންނެވެ. ބައެއް މީހުން އަމިއްލަ ރަށަށެވެ.

އަނެއްބަޔަކު އެކުވެރީންގެ ރަށަށެވެ. ޢައިލީ ގޮތުން ގުޅުންހުރި މީސްމީހުންނާ ދިމާއަށް ދަތުރު ކުރި މީހުން ވެސް އުޅޭނެއެވެ. ރާއްޖެ ދޫކޮށް، ބޭރު ޤައުމުތަކަށް ޒިޔާރަތްކުރި މީހުން ވެސް މާ މަދެއް ނުވާނެއެވެ. މިއިން ކޮންމެ ބަޔެއްގެ ވެސް ބޭނުމަކީ، އީދު ޗުއްޓީގެ ބޭނުން ވީ އެންމެ ފުރިހަމައަކަށް ހިފުމެވެ. އެންމެ ރަނގަޅަކަށް ހިފުމެވެ.

އީދު ދުވަހަކީ އުފާވެރިކަމުގެ ދުވަހެކެވެ. މަޖާކުރުމުގެ ދުވަހެކެވެ. ރޯދައިގެ މަތިވެރި އަޅުކަމަށްފަހު، އުފާކޮށްލަން ލިބޭ ދުވަހެކެވެ. ދީން ބާރު އަޅަނީ އީދު ދުވަހު އުފާކުރުމަށެވެ. އާއިލާއާއި އެކުވެރީންނާއެކު އުފާކުރުމަށެވެ. އެހެންކަމުން ފުރައިގެން ރަށްރަށަށް ދަތުރު ކުރި މީހުންގެ މެދުގައި ވެސް މި ރޫޙު އޮންނާނެއެވެ. މިކަމަށްޓަކައި ތަފާތު ކުޅިވަރުތައް ރާވައި، ކުޅުން އޮންނާނެއެވެ. ބައެއް ރަށްރަށަކީ އީދު ކުޅިވަރުގެ ފޯރި ވަރަށް ގަދަ ރަށްރަށެވެ. އެ ފޯރީގައި ޖެހި، އެތައް ވަގުތެއް، އެތައް ފައިސާއެއް ހޭދަކުރާ މީހުން މަދެއް ނޫނެވެ.

ކަންމިހެން އޮތްކަމުގައި ވިޔަސް، އީދުގެ އެންމެ ޚާއްޞަ، އެންމެ މުހިންމު އެއް ކަމަކީ، އީދު ދުވަހު ކުރެވޭ އީދު ނަމާދެވެ. މި ނަމާދަށް ކޮންމެ މުސްލިމަކު ވެސް ސަމާލުވާން ޖެހޭނެއެވެ. އެހެންކަމުން އީދު ދުވަސް މި ފެށެނީ މަތިވެރި އަޅުކަމަކުންކަން ހަނދާންކޮށް، މި ނަމާދަށް ފަރުވާތެރި ވުމަށް، ކޮންމެ ފަރުދަކު ވެސް،އެންމެ ފުރަތަމަ އަޒުމުކަނޑައަޅާށެވެ. އީދުގެ އުފަލާއި ބަރަކާތް އެންމެ ފުރިހަމަގޮތުގައި ޙާޞިލުވާނީ އޭރުންނެވެ.

ފިތުރުއީދާގުޅިގެން ފުޓުބޯޅަ، ބަށި، ވޮލީފަދަ ކުޅިވަރު މުބާރާތްތައް ރާވާ ހިންގުމަކީ، ވަރަށް ގިނަ ރަށްރަށުގައި އޮންނަކަމެކެވެ. "އީދުކަޕް" "ފިތުރުއީދުކަޕް" ފަދަ ނަންނަމުގައެވެ. މީގެއިތުރުން ސަޤާފީ ކުޅިވަރުތައް ކުޅޭ ރަށްރަށް ވެސް މަދެއް ނޫނެވެ. ލަނގިރިޖެހުން، ދިގުމަގުނެގުން، ދަފިނެގުން، ފަންކުޅުން ފަދަ ތަފާތު ކުޅިވަރުތަކެވެ. ފެންކުޅި ކުޅުމަކީ ވެސް އީދުގައި ވަރަށް ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ. މީގެތެރެއިން ބައެއް ކުޅިވަރުތަކަކީ، ރަނގަޅު ގޮތުގައި ކުޅެވޭނަމަ، ހަމަ އެންމެ ރަނގަޅު ކުޅިވަރުތަކެވެ. އެހެނަސް ހިތާމައަކީ ކުރަން ފެށި މަޤުޞަދު، ނިމޭއިރު ގިނަފަހަރަށް އެކޮޅުކޮޅުން ޖަހާތީއެވެ.

އީދުގެ އުފަލުގައި ރޭވި އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ނިމުނީ، ރަށް ދެބައިން ބައި ކުރުވާފައެވެ. ވޮލީމުބާރާތް ހުއްޓާލަން ޖެހުނީ، އެކަމުގެ ފޯރި ޒާތީވެގެން، ރަށުގައި މާރާމާރީއަކަށް މަގުފަހިވުމުންނެވެ. ބަށި މުބާރާތް ނިމުނުއިރު، އެއްތަށިން ކައި އުޅުނު މައިންނާއި ދަރިން، އަނގައިން ނުބުނާތާނގައި، ގެރި ޒުވާބުވެސް ކުރަނީއެވެ. ދެން ހުރީ ފެންކުޅިކުޅުން ފަންކުޅުން ފަދަ ކުޅިވަރުތަކެވެ. މިފަދަ ކުޅިވަރުތަކަކީ، އެކަންކަން ރޭވި ހިނގަމުން އަންނަގޮތަށް ބަލާއިރު، ރަނގަޅު ކަންކަމެއް ނޫނެވެ. އިޖުތިމާއީ ނަޒަރަކުން ބެއްޔަސް، ދީނީ ނަޒަރަކުން ބެއްޔަސް،ރަނގަޅު ކަންކަމެކޭ ނުބުނެވޭނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އީދުގެ އުފާ ލިބެމުން ދާއިރު، އެއިން ނިކުންނަ ހިތާމައިގެ ކޮޅުތައް މާ ގިނައެވެ. ނޭދެވޭ އަސަރުތައް މާ ބޮޑެވެ.

އީދުގެ އުފާ ޙާޞިލުކުރަމުން ގެންދާއިރު، މިހިރަ މިހިރަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން އެބަ ޖެހެއެވެ. އީދުގެ އުފާ ލިބިގަތުމަށް ޓަކައި، ރާވާ ހިންގޭ ކަންކަމުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ބަދަހިކަމަށް ބުރުލެއް އެރިޔަ ނުދޭށެވެ! އާއިލީ ގާތްކަމާއި އެކުވެރިކަން ފުނޑުފުނޑުވިޔަ ނުދޭށެވެ! ހަމައެހެންމެ އެކަމެއްގެ ސަބަބުން ތިމާގެ ހިތް ނުތަނަވަސް ކުރުވާ ފަދަ ކަމެއް ނަމަ، އެއީ އަނެކާގެ ހިތަށް ވެސް ވޭންއަޅާނޭ ކަމެއްކަމަށް ބަލައި، އެފަދަ ކަންކަން ރާވައި، ހިންގަން މަސައްކަތް ނުކުރާށެވެ! އީދުގެ އުފާ އަހަރެމެން މުސްލިމުން ލިބިގަންނަންވާނީ ދީނީ ތަރައިގެ ތެރޭގައެވެ.

މި އަހަރުގެ ބަރަކާތްތެރި ފިތުރު ޢީދުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަމުން އަންނައިރު، އަޅުގަނޑުމެން ފަދަ މުސްލިމު ޖަމާޢަތެއްގެ ބަޔަކު، ވަރަށް ނިކަމެތި ހާލުގައި އުޅޭކަން ވެސް ހަނދާން ބަހައްޓާށެވެ!އެބައިމީހުންނަށް ނަސްރާއި ކާމިޔާބަށް އެދި ދުޢާކުރާށެވެ! ކެތްތެރިކަން ދެއްވުން އެދި ދަންނަވާށެވެ! ހިތަށް ހަމަޖެހުން މިންވަރުކޮށްދެއްވުން އެދި އަތް އުފުލާށެވެ!
ގުޅޭ ޓެގު
comment ކޮމެންޓް