ދާދިފަހުގެ ރެއެކެވެ. ގާތްގަނޑަކަށް ދިހަގަޑިބައި އެހައިކަންހައި އިރެވެ. އަމީނީމަގުން ގޮސް މާފަންނުކޮޅަށް ހުސްވާ ހިސާބަށްވުރެ ތަންކޮޅެއް އެއްގަމެވެ. މަގުގެ އެއްފަރާތެއްގައި ތަންކޮޅެއް ބައިހެޔޮކޮށް އޮތުމުން ވާނުވާ ބަލައިލުމަށް މަޑުކޮށްލައިފީމެވެ. ފެނުނީ ތަފާތު މަންޒަރެކެވެ. އެހެންޏާ އަދި ނުފެންނަ ކަހަލަ މަންޒަރެކެވެ. ވެދާނޭ ގޮތެކޭ ބުނެ އެއްދުވަހަކު މީހަކު ބުނި ބުނުމެއް ޙަޤީޤަތަކަށްވެ ލޮލުގެ ކުރިމައްޗަށް އައީ އެވެ.
މީހުންތައް ފުނިޖެހިފައިވާ ތަނަށް ގޮސް ކައިރިކޮށްލިއިރު "ޕަލްސާ" ސައިކަލެއް އެމީހުންގެ ތެރޭގައި ހުއްޓެވެ. ސައިކަލުގެ އެއްފަރާތުގައި، މަގުމަތީގައި އިށީނދެ އިނީ ޒުވާން ފުރައިގެ އަންހެންކުއްޖެކެވެ. އޭރު އެތަނުގައި ހުރި ފިރިހެން ކުއްޖަކު، އޭނާ ލައިގެން ހުރި ގަމީސް ބާލައި، އެ އަންހެންކުއްޖާގެ މޭމަތީގައި އަޅައި ނިވާކުރަނީ އެވެ. ފަހުން އެނގުނު ގޮތުގައި އެ ފިރިހެން ކުއްޖާއަކީ އެ ސައިކަލު ދުއްވާން އިން ކުއްޖާ އެވެ. މަގުމަތީގައި އިށީނދެ އިނީ އެ ސައުކަލުގެ ފަހަތުގައި އިން ކުއްޖާ އެވެ.
އަދި މިހާހިސާބަކުން ވެގެން މިއުޅޭގޮތެއް މުޅިއަކުން ސާފެއްނުވެ އެވެ. ތަންކޮޅެއް އެތެރެއަށް ޖެހިލައިފީމެވެ. ދުރުގައި ސައިކަލު ޕާކުކޮށްލާފައި އަހެވެ. މަންޒަރު ފެނުމާއެކު ގައިން ހީބިހި ނަގައިގަންނަގޮތްވި އެވެ. ހިނގައިގެން މިއުޅޭ ހާދިސާގެ ނުރައްކާތެރިކަން ހިތަށް އަރާފަ އެވެ. މަގުމަތީގައި އިން އަންހެން ކުއްޖާގެ ހެދުމުގެ ފަސްބައި އޮތީ ސައިކަލުގެ ފަހަތު ފުރޮޅުގައި އޮޅި ތާށިވެފަ އެވެ. އެއްވެ ތިބި މީހުން މަސައްކަތްކުރަމުން ގެންދިޔައީ، އެތަނުން ހެދުން ނައްޓައިލެވޭތޯ އެވެ. އެހެންނަމަވެސް ތާށިވެފައިވާލެއް ހަރުކަމުން އެކަން ވާގޮތެއް ނުވެ އެވެ.
އިރުކޮޅަކުން ކައިރީގައި ހުރި ގެއަކުން ފޮތިކަފާ ކަތުރެއް ގެނެސްފި އެވެ. އަންހެން ކުއްޖާ ވީއްލުނީ ސައިކަލުގައި ޖެހުނު ހިސާބުން ހެދުން ކަފާލައިގެންނެވެ. އެއޮތް ރީތި އަގުބޮޑު ހެދުމުގެ ބޭނުން ދިޔައީ އެވެ. ނަސީބަކުން އެ އަންހެން ކުއްޖާއަކަށް މާބޮޑު އަނިޔާއެއް ވެފައިވާ ކަމަކަށް ނުފެނެ އެވެ. އެއީ އެކުއްޖާގެ ނަޞީބެވެ. ކަމަކީ ނުރައްކާތެރި ކަމެކެވެ. ކޮންމެ ފަދަ ބޮޑު އަނިޔާއެއްވެސް ލިބިދާނޭ ފަދަ ކަމެކެވެ.
ރޭގަނޑު ސައިކަލުގައި ފިނިބުރު ޖަހައިލާން ޒުވާން އަންހެންކުދިންނާއި ފިރިހެން ކުދިންގެ އިތުރުން، މެދުއުމުރުގެ ޖޯޑުތަކާއި އެއަށްވުރެ މައްޗަށް ޖެހިލާފައި ތިބޭ ޖޯޑުތައްވެސް ނިކުމެ އުޅުމަކީ މާލޭގައި މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އޭގެ ޒާތުގައި އެއީ ރަނގަޅު ކަމެކެވެ. ދުވާލުގެ ބުރަ މަސައްކަތަށްފަހު، ހިތްހަމަ ޖައްސައިލުމަށްޓަކައި ދެމަފިރިން އެކުގައި ނިކުމެ ވައިޖައްސާލައި، ދިރިއުޅުމުގެ ކަންކަމާމެދު ވާހަކަދައްކައިލައި ހަދައިލާން ހަމަ ވަރަށް ރަނގަޅު ކަމެކެވެެ. އެހެންނަމަވެސް މިގޮތަށް ނިކުމެ އުޅޭއިރު، ވިސްނައިލާން ޖެހޭ ކަންކަން ކުރެ އެވެ.
މިހާރުގެ ގިނަ އަންހެނުންުނާއި، އަންހެންކުދީން ލައި އުޅޭ ހެދުން، ފުދޭވަރަކަށް ދިގުކަން ފާހަގަ ކުރެވެ އެވެ. ބައެއް އަންހެނުން ސައިކަލުގެ ފަހަތުގައި އިންނައިރު ލައިގެން އިންނަ މިދެންނެވި "ދިގުހެދުމުގެ" ފުރަގަހަށް އޮންނަބައި ފަހަތަށް ދޫކޮށްލާފައި އޮންނަ ތަން ގިނައިން ނޫނަސް ފެނެ އެވެ. މިގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެގޮތަށް ފުރަގަހަށް ދޫކޮށްލާފައި އޮންނަ ބައި ފުރޮޅުގައި އޮޅި ތާށިވާގޮތް ވެއްޖެނަމަ.....
ބާރު ސްޕީޑުގައި ދުއްވާފައި ދާ ސައިކަލެއްގެ ފުރޮޅުގައި އެގޮތަށް ހެދުމުގެ ފަސްބައި އޮޅިއްޖެނަމަ ދެން ވެދާނޭ ގޮތް ހިތަށް ގެނެސްބަލާށެވެ! ކުއްލިއަކަށް ސައިކަލު މަޑުކޮށްލުމަކީ ކުރެވޭނެ ކަމަކަށް ގިނަ ފަހަރަކު ނުވާނެ އެވެ. ހެދުމަށް ބާރުވެގެން ދާވަގުތު، ސައިކަލުގެ މަތިން މީހާ ނައިޓާލައިގެން މަގުމެދަށް ޖެހުމަކީ ވެސް ހަމަ ވެދާނޭ ގޮތެކެވެ. އެހެން ވެއްޖެނަމަ ދެން ލިބޭނޭ އަނިޔާއަކީ ހިތަށް ގެނާން ވެސް ފަސޭހަ ކަމަކަށް ނުވެ އެވެ. އެރޭ އެމަންޒަރު ފެނިފައި ގައިން ހީބިހިނަގައިގަންނަ ގޮތްވީ އެހެންވެގެންނެވެ.
ސައިކަލުގައި ބުރުޖަހާލަން ނިކުންނައިރު މިކަމަށް ވިސްނާށެވެ. ލައިގެންއިން ހެދުމުގެ ފަހަތަށް އޮންނަބައި އޮތީ ރަނގަޅަށްތޯ ބަލައިނުލައި ދުއްވައި ނުލާށެވެ. އެހެންނޫނީ މިފަދަ ނުރައްކާތެރި ކަމަކާ ކުރިމަތިލާން ހަމަ ކޮންމެ މީހަކަށް ވެސް ޖެހިދާނެ އެވެ. ދަތުރަށް ފެށުމުގެ ކުރިން ރައްކާތެރި ވުމަށްޓަކައި އަޅާންޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރަށް ފެށުމަކީ، ރައްކާތެރި ދަތުރަކަށްޓަކައި ވަރަށް މުހިންމު ކަމެއްކަން، އަބަދުވެސް ހަނދާން ބަހައްޓާށެވެ!