ހަމައެކަނި ފޮގް ކުރުމަކީ މަދިރީގެ މައްސަލައަށް ހައްލެއް ނޫން

މަދިރި ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގައި ފޮގް ކުރަނީ -- ފޮޓޯ/ އެޗްޑީސީ

ވާރޭ ވެހޭ މޫސުމެއް ނަމަ ރާއްޖެއަށް މަދިރީގެ އުނދަގޫ ވަރަށް ބޮޑުވެއެވެ. މަދިރި އިންތިހާއަށް ގިނަވެ، މަދިރީގެ ސަބަބުން ފެރުތޭ ބަލިތައް ވެސް ގިނަވެއެވެ. މި ކަމާ ދެކޮޅަށް އެންމެ ފުރަތަމަ ވެސް އެޅޭ ފިޔަވަޅަކީ ފޮގް ކުރުމެވެ.

މިއީ ވެސް އެފަދަ މޫސުމެކެވެ. މަދިރި ގިނަވެ، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ވެސް މި ދުވަސްވަރު ރާއްޖޭގައި މިވަނީ އިތުރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަފުތާއެއް ތެރޭ ޗިކުންގުންޔާގެ 117 ކޭސް އަދި ޑެންގީގެ 40 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އެއާ އެކު، މާލޭސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެޅި އެންމެ ބޮޑު ފިތަވަޅަކީ މުޅި މާލޭ ސަރަހައްދު ފޮގްކުރަން ފެށުމެވެ. ނަމަވެސް ފޮގްކުރުމަކީ މަދިރި މަދުކުރަން ނުވަތަ ނައްތާލުމަށް އެންމެ އެދެވިގެންވާ ގޮތް ހެއްޔެވެ؟ ފޮގްކޮށްގެން މަދިރި މަދުވެދާނެ ހެއްޔެވެ؟

މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ-- ފޮޓޯ: ސިޓީ ކައުންސިލް

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މީގެ ކުރިން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އޭރުގެ ކޮމިއުނިކަބަލް ޑިސީސް ކޮންޓުރޯލް ހެޑް ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ މަދިރި ނައްތާލުމަށް ފޮގްކުރި ނަމަވެސް މަދިރި އުފެދޭ ތަންތަން ހުރިއްޔާ މަދިރި އާލާވާނެ ކަމަށެވެ.

"ފޮގް ކުރީމާ އުދުހޭ ބޮޑެތި މަދިރި މަރުވަނީ. ފޮގްގެ އަސަރު ބޮޑަށް ކުރަނީ ވެސް ވައި ވަކިގޮތަކަށް ޖެހިގެން ވަކި މިންވަރަކަށް ހުރެގެން. ފޮގްކުރާ ތަނުން ވިއްސާރަ ވެއްޖެއްޔާ އޭގެ އަސަރެއް ނުކުރާނެ، މާ ގިނައިން ފޮގްކުރަންޏާ މަދިރި އެއަށް ރެސިސްޓްވާނެ، ދުވަސްކޮޅަކުން މަދިރިއަށް އޭގެ އަސަރެއް ނުކުރާނެ، އެހެންވީމާ ފޮގްކުރުމަކީ އޭގެ ހައްލެއް ނޫން،" ނަޒުލާ އޭރު ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ޑެންގީ ޖެހޭ މިންވަރު އިތުރުވާ ކަމަށާއި ބަލި އިތުރުވަނީ މަދިރި އާލާވާ ތަންތަން އުފެދޭތީ ކަމަށް ނަޒުލާ ވިދާޅުވިއެވެ. ހަމައެއާ އެކު މަދިރި އާލާވަނީ އާންމުކޮށް ހުންނަ ބޮޑެތި ފެންގަނޑުގަނޑުގައި ނޫން ކަމަށާއި މަދިރި އާލާވަނީ ކުދިކުދި އެއްޗެހީގައި ފެން ހަރުލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީޑީސް މަދިރި: ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެއް --

އެހެންކަމުން މަދިރިއާ ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ހަތިޔާރަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވެސް މަދިރި އާލާވާ ތަންތަން ނައްތާލުމެވެ. އަދި، މަދިރި ހެފުމުން ސަލާމަތްވުމެވެ.

މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުރެވިދާނެ ކަންކަން:

  • ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފުތާއަކު އެއް ފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ ބަންދުކުރުން
  • އާންމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ (ހުސްފުޅިއާއި ދަޅު، ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/ މަތި އެޅުން
  • މަދިރި ފަނި ނައްތާލުމަށް ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން
    ދައުރުނުވާ ގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސްލުން

މަދިރިން ރައްކާތެރިވުމަށް ފެށި ކެމްޕެއިންގެ ތެރެއިން ނައިބު ރައީސް ސާފުކުރުމުގެ މަސައްކަތުގައި -- ފޮޓޯ/ ރައީސް އޮފީސް

މަދިރި ހެފުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން:

  • މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން
  • ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
  • ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން

މަދިރި އެންމެ ގިނަ ވަނީ ހެނދުނު އިރު އަރާ ގަޑީގައާއި ހަވީރު އިރު އޮއްސޭ ވަގުތުއެވެ. ޑެންގީ ޖައްސާ އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމެވެ.

މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާގެ އަލާމާތްތައް މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގައި ފެންނަން ފަށައެވެ. އަދި، ޑެންގީގެ އަލާމާތްތައް މަދިރި ހަފާތާ ހަތަރު ދުވަހާއި ދިހަ ދުވަހާ ދެމެދުގެ މުއްދަތެއްގައި ފެންނަން ފަށައެވެ.

ޑެންގީ ނުވަތަ ޗިކުންގުންޔާ ޖެހިއްޖެ ނަމަ އަރާމުކޮށް، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކޮށް، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ސިއްހީ ބޭފުޅުން އިރުޝާދުދެއްވައެވެ.

އެޗްޕީއޭއިން އެދެނީ، ސިއްހީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ބޭހެއް ބޭނުންނުކުރުމަށެވެ. އަދި، ހަތް ދުވަހަށް ވުރެ އިތުރަށް ހުން ހުންނަ ނަމަ ނުވަތަ ހުޅު ދުޅަވެ، ރިއްސާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް