ރާއްޖޭގައި ފުރަތަމަ ފަހަރަށް، އެއް ފަޅެއްގައި 16 ރަށް ހިއްކަނީ

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން -- ފޮޓޯ/ އެމްއެފްއެމްސީ

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އެމްއެފްއެމްސީން ބުނީ މި އެއްބަސްވުމުގެ ދަށުން ކާފު އަތޮޅު ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރުމަށް ޖުމްލަ 16 ރަށް ހިއްކާނެ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ކ. ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިންވެސް ހިއްކާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެމްއެފްއެމްސީން ބުނީ ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކާ މި ބިޔަ މަޝްރޫއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކާ އެންމެ ފުރަތަމަ މަޝްރޫޢު ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36.5 މިލިއަން ޔޫއެސް ޑޮލަރު ޚަރަދު ވާނެ ކަމަށެވެ. އަދި މީގެ ތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ކިއުބިކް މީޓަރަކަށް 7.8 ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ކުޑަ އަދަދެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެމްއެފްއެމްސީން ބުނީ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރު ފައިނޭންސިންގެ އުސޫލުން ކަމަށް ވުމާއި، އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެ ކުންފުނިން އެއްވެސް ފައިސާއެއްދައްކަން ނުޖެހުމާ އެކު، މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި، މި މަސައްކަތަށް ދާ ޚަރަދު އެ ކުންފުނިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ކ. ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީއަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަ ޕްލޭން ނިމިފައިވާއިރު، މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާނެ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ މަޝްރޫޢުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް