އިތުރު 14 އެއާޕޯޓެއް އަޅާއިރު، އޭގެ %80 ރަންވޭތައް ބޮޑުކުރާނެ: ނާސިފް

ހޯރަފުށީ އެއާޕޯޓަށް ފްލައިޓު ޖައްސާފައި -- ފޮޓޯ: އެމްޓީސީސީ

މުސްތަގުބަލުގައި ރާއްޖޭގައި ގިނަ އެއާޕޯޓުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އެ އެއާޕޯޓުތަކުގެ %80 ރަންވޭތައް 1500 ނުވަތަ 1800 މީޓަރަށް ބޮޑުކުރެވޭނެ ގޮތް ފެންނަން އެބަ އޮތް ކަމަށް މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން އަޙުމަދު ނާސިފް މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާސިފް ވިދާޅުވީ ރާއްޖޭގައި ބައެއް އެއާޕޯޓުތައް ތަރައްގީކޮށްފައި ހުރީ މިނިމަމް ރިކުއަޔާމެންޓަށް ކަމަށެވެ.

އެ ގޮތުން ބައެއް ރަންވޭތައް ގާތްގަނޑަކަށް 800 ނުވަތަ 900 މީޓަރަށް ހަދާފައިހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، 20-30 އަހަރު ފަހުން އެއާޕޯޓު ބޮޑުކުރަން ބޭނުންވާ ހާލަތުގައި އެ ކަން ނުކުރެވުމަކީ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.

މި ކަމުގައި ސަރުކާރުގެ ސިޔާސަތަކީ ރަންވޭއެއްގައި އެންމެ މަދުވެގެން ޑޭޝް-8ގެ މަތިންދާބޯޓު ޖެއްސޭނެ ޖާގަ ހުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ނާސިފް އިތުރަށް ވިދާޅުވީ ހަމަ އެކަނި އެއާޕޯޓު އަޅައިގެން އޭގެ ފައިދާ ނުކުރާނެ ކަމަށާއި، އެ ފައިދާ ކުރާނީ އެއާޕޯޓުތައް ހުރި ސަރަހައްދުތަކުގައި އިގުތިސާދީ ގޮތުން މަންފާ ލިބޭ ކަންކަން ގާއިމްވެގެން ކަމަށެވެ.

އެ ގޮތުން ހަފްތާއަކު ދެ ދަތުރު އަޅާ އެއާޕޯޓުތައް ވެސް ހުރެދާނެ ކަމަށާއި، އެ ފަދަ އެއާޕޯޓުތައް ތަރައްގީކުރުމުގައި ސަރުކާރުގެ ސިޔާސަތު ފުޅާކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ މިއަށްވުރެ ވެސް ދުރަށް. މި ކުރަނީ ރައްޔިތުންގެ އިސްވެސްޓްމެންޓެއް. މި އިންވެސްޓް ކުރާކަމަށް ވަންޏާ މި ކަމުގެ ކޮމާޝަލް ވަޔަބިލިޓީ ނިކުންނަން އެބަ ޖެހޭ," ނާސިފް ވިދާޅުވިއެވެ.

އެހެން ކަމުން މަދު ދަތުރުތައް އަޅާ އެއާޕޯޓުތައް އޮންނަ ސަރަހައްދުތަކުގައި އިތުރު ރިޒޯޓުތައް ތަރައްގީކުރަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ގޮތުން އެއާޕޯޓު ތަރައްގީކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ސިޔާސަތުތައް އެކީ ތަންފީޒުކުރެވިއްޖެނަމަ، ދެ އަހަރެއްގެ ތެރޭގައި އޭގެ މަންފާ ލިބެން ފަށާތަން ފެންނާނެ ކަމަށް ނާސިފް ވަނީ ވިދާޅުވެފައެވެ.

އަދި ސިޔާސަތުތައް އެކީ ތަންފީޒު ނުކުރެވިއްޖެ ނަމަ، އެއާޕޯޓުތައް ތަރައްގީކުރުމުން ލިބިގެންދާ ގެއްލުމުގެ ބުރަ ވެސް ބޮޑުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އަދި މި ސަރުކާރުން ރައްޔިތުންގެ ފައިސާ ޚަރަދުކުރާނީ ޒިންމާދާރުކަމާ އެކުގައި ކަމުގެ ޔަގީންކަން ނާސިފް ވަނީ ދެއްވާފައެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްތަތަކަށް އެއާޕޯޓުގެ ޔަގީންކަން ސަރުކާރުންދިނުމާ ގުޅިގެން އާންމުންގެ ތެރޭގައިދަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނާސިފް ވިދާޅުވި ގޮތުގައި 20 ނުވަތަ 30 މިނެޓުގެ ދުރުމިނުގައި އެއާޕޯޓުތައް ތަރައްގީކުރަން ޖެހެއެވެ.

އެއާޕޯޓުތައް ތަރައްގީކުރުމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދިގެން އަންނައިރު، އެއީ ފަތުރުވެރިކަން އިތުރަށް ފުޅާވުމަށް ވެސް ހުޅުވިގެންދާ ރަނުގެ ފުރުސަތެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގެ ހަމައެކަނި ރާއްޖޭގެ އުތުރުން ވެސް ށ. ދިގުވެލިދުއާއި ށ. މިލަންދުއާއި ހއ. ދިއްދޫއަށް އެއާޕޯޓުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ރާއްޖޭގެ ދެކުނުން ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އެޅުއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތުގެ ފަހުމުނާމާގައި ވެސް ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް