މަގުމަތީ ކުނި ބަހައްޓައިގެން 180 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި، ގިނައީ ބިދޭސީން

ކުނި އެޅުން މަނާ ސަރަހައްދަކަށް ކުނި އަޅާފައި: އެފަދަ މައްސަލަތަކުގައި 180 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައި --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީގެ މަގުތަކުގައި ނުގަވާއިދުން ކުނި ބަހައްޓައިގެން މިހާތަނަށް 180އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ސިޓީ ކައުންސިލުން އަންނަނީ ގަވާއިދާ ޚިލާފަށް ކުނި ބަހައްޓާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ.

މި ކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މަގުތަކުގައި ކުނި ބަހައްޓައިގެން މިހާތަނަށް 180 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން، 80 އިންސައްތަ މީހުންނަކީ ބިދޭސީންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑަށް ހުއްޓިފައި އޮތުމަށް ފަހު މޭޔަރު [އާދަމް އާޒިމް] އިންތިޚާބުވި ފަހުން މޭޔަރު ވަރަށް އިސްކަން ދެއްވައިގެން މި ކަންތައް ބަލަހައްޓާ،" ޝަތުފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަގަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަނީ 500 ރުފިޔާއިން ކަމަށާއި ތަކުރާރުކޮށް އެކަން ކުރުމުން އެ އަދަދު އިތުރަށް ދައްކަން ގާނޫނުގައި ނީންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނުގަވާއިދުން މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ މައްސަލައިގައި، މިދިޔަ ހުކުރު ދުވަހު ވަނީ ބިދޭސީއަކު ޑީޕޯޓުކޮށްލަން ވެސް ނިންމައިފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގައި އާންމުކޮށް ކުނި އަޅާފައި ހުންނަކަން ފާހަގަކުރެވޭ ތަންތަން ވެސް އާންމުކޮށްފައެވެ.

އަދި، އެގޮތަށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އެ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް