10 މިނެޓް ތެރޭ އަލިފާން ނިއްވާލިއިރު މުޅި ބަދިގެ އަނދާފައި

އަލިފާނުގެ ހާދިސާގައި އެނދި ބަދިގެ --- ފޮޓޯ/ އެމްއެންޑީއެފް

ކުޅުދުށްފުށި ސިޓީގައި ހުރި ގެއެއްގެ ބަދިގޭގައި މިއަދު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ކުޅުދުށްފުށި ސިޓީގެ "ގޮންބުލިމާ" ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:30 ހާއިރެވެ. އޭގެ ގާތްގަނޑަކަށް 10 މިނެޓު ފަހުން އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ ސްޓޭޝަނަށް ލިބުމާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށާއި ބަދިގެއިން އަލިފާން ނިއްވުނީ 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުއިރު ތެރޭގައި އަލިފާންގަނޑު ނިއްވާލި ނަމަވެސް އެމްއެންޑީއެފުން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބަދިގޭގައި ހުރި ކަބަޑުތަކާއި ސީލިންގް އަދި ހިފާގެންގުޅޭ ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެމްއެންޑީއެފުން ވެސް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް