ބޯކޮށް ވާރޭ ވެހި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ގެއްލުންވެއްޖެ

ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެފަ --- ފޮޓޯ/އެމްއެންޑީއެފް

ބޯކޮށް ވާރެވެހި އައްޑޫ ސިޓީ ފޭދޫގެ 40 އަށްވުރެ ގިނަ ގެތަކުން ގެއްލުން ވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ކައުންސިލުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ފޭދޫގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންވެ، ހިތަދޫ ފަޔާ ސްޓޭޝަނާއި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފޭދު މާދެލަ ދާއިރާގެ ކައުންސިލަރު މުޙައްމަދު ފައިސަލް ވިދާޅުވީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ގޭބީސީތަކަށް ފެން ވަނުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

މިގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެއާއެކު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ދިރިއުޅެން އުނދަގުވާ ވަރަށް ހަތަރު ގެއެއްގައި ފެންބޮޑުވެފައިވާތީ، އެގޭގައި ދިރިއުޅޭ މީހުން ވަގުތީ ހަޔާވަހިކަމަށް ބަދަލު ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ ގެތަކުން ހިޔާއަށް ބަދަލު ކުރަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 8:30 އިން 12:30 ގެ ނިޔަލަށް ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

އެހެންވެ، އެކަމާ ގުޅިގެން ރެޑް ކްރެސެންޓުން ވަނީ އެ ސަރަހައްދުގެ މީހުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް އެކި ވަރުގެ ގެއްލުންތައް ދިމާވެއެވެ.

comment ކޮމެންޓް