އައްޑޫ ސިޓީއަށް ރަނގަޅަށް ފެން ނުލިިިބޭތާ 18 ދުވަސް

އައްޑޫ ސިޓީ ހިތަދޫ: އެ ސިޓީއަށް ފެން ނުލިބޭތާ 18 ދުވަސް ވެފައިވާކަމަށް އޭނާ ކިޔައިދިން -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީއަށް ރަނގަޅަށް ފެން ނުލިބޭތާ 18 ދުވަސް ވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

ނިޒާރު "ސަން"އަށް ވިދާޅުވީ، ފެނުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން ފެން ރަނގަޅަށް ނުލިބި އެހާ ގިނަ ދުވަސްވެފައިވާއިރު، ފެން ލިބޭ އިރުވެސް ފެނުގެ ޕްރެޝަރު ދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން ރަނގަޅު ކުރުމަށް އެމީހުން [ފެނަކައިން] މަސައްކަތް ކުރާ ކަމަށްވަނީ އެކަމަކު އަދިއެއް ފެނެއް ނުއެއް ލިބޭ، ދެން ދޭތެރެއަކުން ވެސް ފެން ލިބޭ އިރު އެހާ މަދުން، ޕްރެޝަރެއް ނުހުރޭ. މިކަހަލަ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް އެބަ އާދޭ،" އޭނާ ވިދާޅުވިއެވެ.

ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައްޑޫގެ ފެނުގެ މައްސަލައަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ 'ނުކުޅެދުމެއް'ގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެ ސިޓީގެ ރައްޔިތުންގެ މި ތަކުލީފަށް އަވަސް ހައްލެއް ހޯދައިދިނުމަށް ފެނަކައިގެ މެނޭޖްމެންޓު ޓީމުގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މީގެ ކުރިން ވެސް ނިޒާރު ވަނީ އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް