ގާދޫގައި އަޅާ އިންޓަގްރޭޓެޑް މެރިޓައިމް ހަބްގެ ފުރަތަމަ ސާވޭތައް ނިންމާލައިފި

ހަބްގެ ފުރަތަމަ ސާވޭގައި ބައިވެރިވި ޓީމް ---

ލ. ގާދުގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާވޭތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އާއި އެ ހަބް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓަޑް (ކެމްސީއީ)އިން ގާދޫގައި މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މެރިޓައިމްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކާއެކު ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބްގެ މަސައްކަތް ސީއޭއެމްސީއީ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މި ޕްރޮޖެކްޓްގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާވޭގައި ސީއޭއެމްސީއީ ކުންފުނިން ހަތް ތަޖުރިބާކާރުންނާއި އެމްޕީއެލްގެ ޓެކްނިކަލް ޓީމެއް ވަނީ ބައިވެރިވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި، އަލާވާ ކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ، އެ ކުންފުނިން މެރިޓައިމް ހަބް ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށް ބިނާކޮށެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

އޭގެއިތުރުން، ޕްރޮޖެކްޓްގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާނީ ތިމާވެއްޓާ ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުއެވެ.

ލ. އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓާމިނަލެއް ޤާއިމްކުރެވިގެންދާނެއެވެ.

އެއާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ރާވާފައިވާއިރު، ސުޕަ ޔޮޓް މެރީނާއެއް ވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަބްގެ ފުރަތަމަ ސާވޭގައި ބައިވެރިވި ޓީމް ---

މި ޕްރޮޖެކްޓުގެ ތެރެއިން، އޮފް ޝޯ ބަންކަރިން އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ގާދޫއަކީ މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ޒަމާނުންސުރެ ފާހަގަވެފައިވާ ތަނެކެވެ. އެހެން ނަަމަވެސް މިހާތަނަށް އެ ސަރަހައްދުގައި މެރިޓައިމްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތެއް ނުކުރެވެއެވެ.

ލ. އަތޮޅުގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް