16،000 ފަތުރުވެރިންނާއެކު ހަތަރު މަހުން ކާނި ބީޗަށް ހަތަރު މިލިއަން ޑޮލަރު!

ކާނި ބީޗް --

ރާއްޖެއަށް މިހާތަނަށް ޒިޔާރާތްކުރި ފަތުރުވެރިންގެ 2.12 ޕަސެންޓު ފަތުރުވެރިން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް، ހޮޓަލުގެ ވިޔަފާރިކުރާ ކާނި ހޮޓެލްސްއަށް ޒިޔާރާތްކޮށް ބޮޑު އާމްދަނީއެއް ހޯދައިފިއެވެ.

އަހަރުގެ މިހާތަނަށް އައިރު އެކި ގައުމުތަކުގެ މީހުން ކާނި ހޮޓެލްސްއަށް ވަނީ ގޮސްފައެވެ.

މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30ވަނަ ދުވަހާ ހަމައަށް ހުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ކާނި ހޮޓަލަށެވެ. އެ ތަނަށް ދިއުމަށް 4،383 ރިޒަވޭޝަން ވަނީ ހަދައިފައެވެ. އެއީ 9،754 ގެސްޓުންނެވެ. ޖުމްލަ 2.53 މިލިއަން އެމެރިކާ ޑޮލަރުވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.

މީގެ އިތުރުން ކާނި ގްރޭންޑަށް 1.86 މިލިއަން އެމެރިކާ ޑޮލަރު ލިބުނުއިރު، ކާނި ބީޗަށް 394،555 ޑޮލަރު ލިބިފައިވެއެވެ. ހަމައެއާއެކު ކާނި ވިލެޖަށް 262،662 އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

ޖުމްލަ 772،651 ފަތުރުވެރިން މި އަހަރު ފެށިގެން އެޕްރީލް 30އަށް ޒިޔާރާތްކުރިއިރު، ހަމައެކަނި ކާނި ހޮޓެލްސަށް 16،355 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 2.12 ޕަސެންޓެވެ.

ވިޔަފާރި ފުޅާކުރުމުގެ ގޮތުން މިހާރު ވެސް އއ. އުކުޅަހުގައި ކާނި ހޮޓެލްސްއިން އަންނަނީ 350 އެނދުގެ ހޮޓަލެއް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް