މިނިސްޓްރީއާއެކު ރަށުގައި ބޮޑު އީދު ފާހަގަ ކުރަން ފުރުސަތު ހުޅުވާލައިފި

1441 ވަނަ އަހަރުގެ އަޟްހާ އީދުގެ ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން: އެރަށު ތިން އަވަށުގައި މިއަދު ވަނީ ކޯޑި ކުޅެފައި. މި ހަރަކާތުގައިި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވެފައިވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެ ކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަގާފަތާ ބެހޭ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ވުޒާރާގެ ފަރާތުން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށެވެ.

އެ ގޮތުން އަޟްޙާ ޢީދު ފާހަގަކުރާނީ ޕްރޮޕޯޒަލްތައް މިނިސްޓްރީން ބެލުމަށް ފަހު، އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ތިން ރަށުގައި ކަމަށް ބުނެފައިވެއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ.

އެއްވެސް ރަށަކުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ، އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރުމަށްފަހު، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 13:00 ގެ ކުރިން ހެރިޓޭޖް މިނިސްޓްރީއަށް ޕްރޮޕޯޒަލް އީމެއިލް ކުރުމަށް އެ ވުޒާރާއިން އެދެއެވެ.

ޕްރޮފޯޒަލްގައި ހިމަނަން ޖެހޭ މައިގަނޑު ބައިތައް ހިމެނޭ ލިޔުމަކާއި، އަޟްޙާ ޢީދު ފާހަގަކުރާ ރަށެއް ކަނޑައެޅުމާބެހޭ ޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުމެއް ވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

comment ކޮމެންޓް