މިއަދުގެ ރީތި ތާރީޚުގައި 41 ކައިވެނި ކޮށްދީފި

ސިނަމާލެ ބުރިޖު މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ތެރޭގައި އަންނާނެ އެންމެ ރީތި އެއް ތާރީޚު ކަމަށްވާ، 24.04.24 ގައި 41 ކައިވެނިކޮށްދީފިއެވެ.

ފެމިލީ ކޯޓުން ބުނީ މިއަދު އެކޯޓުން އަގުކޮށްދިން ހުރިހާ ކައިވެނިތަކަކީ މާލެ ސަރަހައްދުގައި ކޮށްދިން ކައިވެނިތައް ކަމަށެވެ.

ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނި ކުރުމަކީ ދިވެހީންގެ ތެރޭގައި މިހާރު އޮންނަ އާދައެކެވެ. އެގޮތުން، މިދިޔަ ނޮވެންބަރު މަހުގެ 23ވަނަ ދުވަހު (23.11.23) 29 ކައިވެންޏެއް ފެމިލީ ކޯޓުން ވަނީ ކޮށްދީފައެވެ.

އެއާއެކު، މިދިޔަ ޖޫން މަހުގެ 22ވަނަ ދުވަހާއި (22.06.23) 23ވަނަ ދުވަހު (23.06.23) ފެމިލީ ކޯޓުން ޖުމްލަ 87 ކައިވެންޏެއް ކޮށްދީފައި ވެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހަކީ (02.03.23) ވެސް ރީތި ތާރީޚެކެވެ. އެ ތާރީޚުގައި މާލޭ ސަރަހައްދުގައި 36 ކައިވެންޏެއް ކޮށްފައިވެއެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ރީތި ތާރީޚުތަކުގައި ވެސް ފެމިލީ ކޯޓުގައި ގިނަ ކައިވެނި ތަކެއް ކޮށްފައިވެއެވެ.

އެގޮތުން އެ އަހަރު އެންމެ ގިނަ ކައިވެނި ކުރީ، އެ އަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22 ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން 85 ކައިވެނި ކޮށްދީފައިވެއެވެ. އަދި، އެ ދުވަހު މާލޭގައިވަނީ 39 ކައިވެނި ކޮށްފައެވެ.

މީގެއިތުރުން، 2021 ވަނަ އަހަރު ޑިސެމްބަރު މަހު އައި ރީތި ތާރީޚެއް ކަމަށްވާ 21.12.21ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ އެ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

comment ކޮމެންޓް