އަމިއްލަގޮތުން އިންތިޚާބުވި ޔާސީން، ޕީއެންސީއަށް ސޮއިކޮށްފި

އަމިއްލަގޮތުން ނައިފަރު ދާއިރާއަށް އިންތިޚާބުވީ ޔާސީން (ވ): އޭނާ ވަނީ ޕީއެންސީއަށް ސޮއިކޮށްފައި -- ފޮޓޯ/ ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވި ޔާސީން އަބްދުﷲ މިއަދު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

މިހާރު ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ޅ. އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ޔާސީން އަމިއްލަގޮތުން އިންތިޚާބު ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ހައްސާން އަލިފުޅު (ބާސް)އާ ވާދަކޮށްގެންނެވެ.

ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ޔާސީން އެ ޕާޓީއަށް ސޮއިކުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ވިހިވަނަ މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނައިފަރު ދާއިރާގެ ގޮނޑި ޔާސީން ކަށަވަރުކުރެއްވީ 1،038 ވޯޓާ އެކުއެވެ. ޕީއެންސީގެ ކެންޑިޑޭޓު ބާސްއަށް ލިބިފައިވަނީ 880 ވޯޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނައިފަރު ދާއިރާގެ ގޮނޑިއަކީ މިދިޔަ ދެ ދައުރުގައި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފުރުއްވި ގޮނޑިއެވެ. މިނިސްޓަރުކަމަށް ވަޑައިގަންނަވަން އޭނާ ވަނީ މެންބަރުކަމުން އިސްތިއުފާދެއްވައިފައެވެ.

އަމިއްލަގޮތުން އިންތިޚާބުވީ މެންބަރު ޔާސީން މިއަދު ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، އަމިއްލަގޮތުން ހޮވޭ މެންބަރުން ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބުނެ އެމްޑީޕީގެ މެޖޯރިޓީން އޮތީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީޤު ވެސް ކުރައްވައިފައެވެ.

އެކަމަކު، އަމިއްލަގޮތުން ވާދަކުރައްވާ މެންބަރުން ދައުރުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފިނަމަ، ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީގައި ވެސް ހިމަނަން މިހާރު މަޖިލީހުގައި ބިލެއް އެބައޮތެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް