ޓެސްލާއިން 6،000 މުވައްޒަފުން ކަނޑާލައިފި

ޓެސްލާގެ ސީއީއޯ އީލޮން މަސްކް -- ފޮޓޯ: ސީއެންބީސީ

އިލެކްޓްރިކް ވެހިކަލް ނުވަތަ އީވީ އުފެއްދުމުގައި ދުނިޔޭގައި އެންމެ ވިދާ އެއް ކުންފުނި ކަމުގައިވާ އީލޮން މަސްކްގެ ޓެސްލާއިން އެމެރިކާގެ އޮސްޓިންއާއި ކެލިފޯނިއާގައި ވަޒީފާއަދާކުރާ އެ ކުންފުނީގެ 6،000 އެއްހާ މުވައްޒަފުން ކަނޑާލައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސީއެންބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަކިކުރި ޓެސްލާގެ މުވައްޒަފުންގެ ތެރެއިން އޮސްޓިން އިން ގާތްގަނޑަކަށް 2،700 މުވައްޒަފުން ވަކިކޮށްފައިވާއިރު، ކެލިފޯނިއާގެ 3،300 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަކިކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އީލޮން މަސްކްގެ ޓެސްލާއިން މިހާ ގިނަ ބަޔަކު އެއްފަހަރާ ވަކިކޮށްފައި މި ވަނީ އެ ކުންފުންޏަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، އެ ކުންފުނީގެ އުފެއްދުންތަކަށް އޮތް ޑިމާންޑާ މެދު ކަންބޮޑުވުންތަކެއް އުފެދިފައި ވުމުން ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ދަށުންނެވެ.

ކެލިފޯނިއާގައި މަސައްކަތްކުރާ ޓެސްލާގެ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލުމުގެ އަސަރު މައިގަނޑު ގޮތެއްގައި ކުރާނީ ޓެސްލާގެ ޕާލޯ އަލްޓޯގައި ހުންނަ ހެޑްކުއާޓަރާއި ފްރެމޮންޓްގައި ހުންނަ އެ ކުންފުނީގެ ޕްރޮޑަކްޝަން ފެސިލިޓީއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުވައްޒަފުން ވަކިކުރީ އެ ކުންފުނީގެ މައިގަނޑު އޮޕަރޭޝަންތަކަށް ބުރޫނާރާ ގޮތަށެވެ.

ވަޒީފާއިން ކަނޑާލި މީހުންގެ ސީދާ އަދަދުތަކާ ބެހޭ ގޮތުން އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އިގްތިސާދީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމާއި، ކުންފުނީގެ ފައިދާ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، މުވައްޒަފުން މަދުކުރަން ޖެހޭ ކަމުގެ އިޝާރާތެއް މަސްކް ވަނީ މީގެ ކުރިން ވެސް ދެއްވާފައެވެ.

ޓެސްލާއިން މި ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ އިލެކްޓްރިކް ވެހިކަލް މާކެޓުގައި ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކާރު އުފައްދާ ކުންފުނިތަކާއި އަލަށް ތައާރަފުވާ ކުންފުނިތަކުން ވެސް މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް