ގިނަ ތަރިން ކައިވެނިކުރަނީ ލޯބިންނެއް ނޫން: ނޯރާ

ނޯރާ ފަތޭހީ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ހުނަރުވެރި ނެށުންތެރިޔާ ދާދިފަހުން ބައިވެރިވި ޕޮޑްކާސްޓް އެއްގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ މެދު ދެކޭގޮތް ވަރަށް ތަފާތު ކަމަށް ބުނެފިއެވެ.

ރަންވީރު އައްލާހުބަދިއާ ގެނެސްދިން ޕޮޑްކާސްޓް ޕްރޮގްރާމްގައި ކެނެޑާއަށް އުފަން މޮރޮކޯންއަށް ނިސްބަތްވާ ނޯރާ ބުނެފައިވަނީ ފިލްމު އިންޑަސްޓްރީ ހާއްސަކޮށް ބޮލީވުޑުން މިއަދު ފެންނަ ގިނަ ޖޯޑުތައް ކައިވެނިކުރަނީ ލޯބިން ނޫން ކަމަށެވެ. އެފަދަ ތަރިން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށް ހެދިގެން އުޅުނު ނަމަވެސް އެފަދަ ކައިވެނިތަކުގެ ހަގީގަތަކީ އެ މީހުންގެ ފިލްމީ ކެރިއަރު ސަލާމަތްކުރުން ކަމަށް ނޯރާ ވަނީ ބުނެފައެވެ.

މިއީ ގިނަބަޔަކު ދަންނަ ކަމެއް ކަމަށާއި ނަމަވެސް އެ ވާހަކަ ދައްކަން އެންމެން ވެސް ޖެހިލުންވާ ކަމަށް ނޯރާ ވަނީ ބުނެފައެވެ.

އަމިއްލަ ދިރިއުޅުން ފިލްމީ މަސައްކަތްތަކުގެ ތެރެއަށް އެއްކޮށް މަސްހުނި ކުރުމުން ވަރަށް ގިނަ ކައިވެނީގައި ކުނި ޖެހި ބައެއް ކައިވެނިތައް ރޫޅި ނަފުސާނީ ބަލިތަކުގެ ޝިކާރައަކަށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަބަޔަކު ހުށަހެޅިފައިވާ ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ.

ނޯރާ މަޝްހޫރު ޕޮޑްކާސްޓަ ރަންވީރާ އެކު-- ފޮޓޯ/އެކްސް
ދާދި ފަހުން ރިލީޒްކުރި ފިލްމު "ކްރެކް"ގެ މުހިއްމު ރޯލަކުން ފެނުނު ބަތަލާގެ މި ޕޮޑްކާސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އާއްމުންގެ ގިނަ ބަޔަކު ވަނީ ނޯރާގެ މި ވާހަކަތަކަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މި ފަހަކަށް އައިސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދި ކައިވެންޏާ ހަމައަށް ގޮސްފައިވާއިރު ވޭތުވެދިޔަ ދެތިން އަހަރުތެރޭ ކުރެވުނު ބޮލީވުޑް ކައިވެނިތައް ވަރަށް ގިނައެވެ. ނަމަވެސް މި ޕޮޑްކާސްޓްގައި ނޯރާ ދެއްކި ވާހަކަތަކަކީ ސީދާ ކޮން ފިލްމީ ތަރިންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ނެށުންތެރިޔާ އަދި ބަތަލާ މިހާތަނަށް ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ އެއްވެސް މީހަކާ އެކު ލޯބީގު ގުޅުމެއް ބާއްވާފައިނުވާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހިޔާލެއް ނުގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ. ނޯރާ މި އަހަރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރެއިން ނެށުމާ ގުޅުންހުރި ފިލްމު "ޑާންސިންގް ޑޭޑް"ގެ މަސައްކަތް ވަނީ ނިމިފައެވެ.

comment ކޮމެންޓް