ކަރީނާގެ ބަދަލުގައި 'ޓޮކްސިކް'އިން ފެންނާނީ ނަޔަންތާރާ

ކަރީނާ ކަޕޫރު ޚާން، ޔަޝް އަދި ނަޔަންތާރާ--ފޮޓޯ/އެންޑީޓީވީ

ބޮޑު މަގުބޫލުކަމެއް ލިބުނު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް"ގެ ރޯލަކަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ސޮއިކޮށްފައިވީ ނަމަވެސް ކަރީނާ އެ ފުރުސަތު ދޫކޮށްލައިފިއެވެ. ޔަޝް މި ފަހަރު ވެސް ގެންގްސްޓާ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމުގައި ކަރީނާ ކުޅެން ސޮއިކުރީ ޔަޝްގެ ދައްތަގެ ރޯލެވެ.

މި ފިލްމަކީ ކަރީނާ ސައުތު ސިނަމާގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމުކަމުން ބަތަލާ ހުރީ ފިލްމުން ލިބުނު މި ފުރުސަތާ މެދު ވަރަށް ހިތްހަމަޖެހިގެންނެވެ.

އެހެންނަމަވެސް ކަރީނާގެ ޝެޑިއުލް މި ވަގުތު ހުރިގޮތުން ފިލްމަށް ވަގުތު ދެވެން ނެތް ކަމަށް ޕިންކްވިލާއާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "ޓޮކްސިކް"އިން ކަރީނާއަށް ހުށަހެޅި ރޯލާ މެދު ބަތަލާ ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށާއި ކަރީނާގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ދީފައިވާ ތާރީޚުތައް ބަދަލުކޮށްގެން ވެސް މި ފިލްމަށް ވަގުތު ދެވެން ނެތީ ކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ.

ނަޔަންތާރާ ބޮލީވުޑްގެ އެކްޓަރު ޝާްހްރުކް ޚާންއާ އެކު ފިލްމު "ޖަވާން"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްލައިފް

ކަރީނާ ފިލްމުން ވަކިވުމާ ގުޅިގެން "ޓޮކްސިކް"ގެ ޑައިރެކްޓަރު ގީތޫ މޮހާންދާސް އަންނަނީ ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ނަޔަންތާރާ ފިލްމަށް ގެނައުމުގެ މަޝްވަރާތައް ކުރަމުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނަޔަންތާރާއަށް ހުށަހެޅި ރޯލަކީ ވަރަށް ހިތްވަރު ގަދަ އަންހެނެއްގެ ރޯލް ސިފަކޮށްދޭ ބައެއް ކަމުން މި ފިލްމަށް ނަޔަންތާރާ އެއްބަސްވާނެކަމުގެ ޔަޤީންކަން ޑައިރެކްޓަރަށް އެބައޮތް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބެލުންތެރިންނާ ހަމައަށް ޔަޝްގެ "ޓޮކްސިކް" ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 10ވަނަ ދުވަހުއެވެ.

comment ކޮމެންޓް