އަދުރޭ މަޖިލިސް ރައީސަކަށް ވުމުގެ އިޚުތިޔާރު ރައީސަށް

ރައީސް ޑރ. މުއިއްޒާ އެކު އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: މަޖިލީހުގެ ރައީސަކަށް ހޮވާނީ ކޮން މެންބަރެއްކަން ނިންމަވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް އަދުރޭ ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުން ސުޕަމެޖޯރިޓީ ހޯދައިފައިވާ ޕީއެންސީން މަޖިލީހުގެ ރައީސަކަށް ހޮވާނީ ކޮން މެންބަރެއްކަން ނިންމަވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް އެ މަނިކުފާނު ޚާއްޞަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތްކުރައްވަނީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ. އެގޮތުން، ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އެންމެ ރަނގަޅު ޚިދުމަތް ކޮށްދެވޭނީ އޭނާ ކޮން މަގާމެއްގައި ހުރެގެންތޯ ބައްލަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން މިއަދު އޭނާ ހުންނެވި ހިސާބަށް ވަޑައިގަނެވުނީ އެގޮތަށް މަސައްކަތް ކުރުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އަމިއްލައަށް ކަންތައްތަކެއް ބޭނުންވެގެން އެކަންތައްތައް ހާސިލުކުރަން އަޅުގަނޑު މަސައްކަތެއް ކުރި ނަމަ އަޅުގަނޑު މިއަދު މިހުރި ހިސާބަށް އާދެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އަދުރޭ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޭއްވިތާ މާ ގިނަ ދުވަހެއް ނުވާ ކަމާއި ދާއިމީ ނަތީޖާ ވެސް މިހާތަނަށް އާންމުނުކުރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ހޮވުމާ ގުޅޭ ގޮތުން މެންބަރުން އަދި މަޝްވަރާނުކުރާ ކަމަށެވެ.

"އެހާ އަވަހަށް ވަކި މަގާމަކަށް ޝައުގުވެރިވެގެން އެކަމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑުމެން ގަބޫލުކުރަނީ ވަރަށް ބޮޑު ގޯހެއް ކަމަށްވާނީ އެހެންވީމަ ކުރިއަށް އޮތް ތަނުގައި ތިކަމަށް މަޝްވަރާކޮށްފައި އަޅުގަނޑުމެން ގޮތެއް ނިންމާނީ،" އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސަކީ ރައީސް މުއިއްޒުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ދެ މަގާމުގެ ހައިސިއްޔަތުން ޕާލިމެންޓަރީ ގުރޫޕަށް ލަފާ ދެއްވުމުގައި އެންމެ އިސްކޮށް ހުންނަވާނީ އެ މަނިކުފާނު ކަމަށެވެ. އެހެންވެ، ޕީޖީން ގޮތް ނިންމާނީ ރައީސާ މަޝްވަރާކުރުމަށް ފަހު ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން، ޕީއެންސީގެ 66 މެންބަރުން މަޖިލީހަށް ހޮވީ ރައީސަށް އެހީތެރިވެދީ އެއްބާރުލުން ދިނުމަށެވެ.

"އަޅުގަނޑުމީ ފޮނަދޫ، އަރާއިރު، އަބްދުއްރަހީމަށް ވެގެނެއް ނޫން ވޯޓު ދިނީ، ރައްޔިތުން އިންތިޚާބުކުރި ސަރުކާރު ދަމަހައްޓަން ވެގެން [ދިނީ]،" އަދުރޭ ވިދާޅުވިއެވެ.

އަށާރަ ވަނަ މަޖިލީހުގައި ވެސް ފޮނަދޫގެ މެންބަރުކަން ކުރައްވާފައި އަދުރޭ މިފަހަރު މަޖިލީހަށް އިންތިޚާބުވީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭނާއަށް 1649 ވޯޓު ލިބުނުއިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ހުސައިން އަބޫބަކުރަށް ލިބުނީ 491 ވޯޓެވެ.

އަދުރޭ އަނެއްކާވެސް މަޖިލީހަށް ވާދަކުރައްވާ ކަމަށް އިއުލާން ކުރެއްވުމާއެކު، މަޖިލީހުގެ ރައީސަކަށް ދެން ހޮވާނީ އޭނާ ކަމަށް އަޑު ފެތުރުނެވެ.

comment ކޮމެންޓް