މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ކުޑަ އޭއައި މޮޑެލް ފައި-3 މައިކްރޯސޮފްޓުން ނެރެފި

މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ކުޑަ އޭއައި މޮޑެލް "ފައި-3" މައިކްރޯސޮފްޓުން ވަނީ ނެރެފައި -- ފޮޓޯ/ މޮބައިލްވޯލްޑްލައިވް

މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ކުޑަ އޭއައި މޮޑެލް "ފައި-3" މައިކްރޯސޮފްޓުން ނެރެފިއެވެ.

މައިކްރޮސޮފްޓުގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ސީރީޒްގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ ފައި-3 އަކީ 3.8 ބިލިއަން ޕެރަމީޓަރުތައް ހިމެނޭ މޮޑެލްއެކެވެ. ފައި-3 މިނީ އަކީ މައިކްރޮސޮފްޓުން ނެރެން ނިންމާފައިވާ ކުދި ތިން މޮޑެލްގެ ތެރެއިން ފުރަތަމަ މޮޑެލް ކަމަށް އެކުންފުނިން ބުނެއެވެ.

ޖީޕީޓީ-4، ފަދަ ބޮޑެތި ބަހުގެ މޮޑެލްތަކާ އަޅާބަލާއިރު ފައި-3 މިނީ އަކީ ވަރަށް ކުޑަ ޑޭޓާ ސެޓެއްގައި ތަމްރީނުކޮށްފައިވާ މޮޑެލްއެކެވެ. އެކުންފުނިން ބުނީ އެކުންފުނީގެ އެޕްލިކޭޝަންތައް ކަމަށްވާ އަޒޫރު، ހަގިން ފޭސް އަދި އޮލަމާ އިން މިހާރު ފައި-3ގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

މައިކްރޮސޮފްޓުން ބުނާ ގޮތުގައި ސައިޒުން ކުޑަ މި މޮޑެލްއިންވެސް ބޮޑެތި އޭއައި މޮޑެލްތަކާ ގާތްގަނޑަކަށް އެއްވަރުގެ ޚިދުމަތްތަކެއް ލިބޭނެއެވެ. މާނައަކީ ފައި-3 ސައިޒުން ކުޑަވެފައި ޚަރަދު ކުޑަވުމާއެކު އޭގެ މަސައްކަތްތައްވެސް ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މައިކްރޮސޮފްޓް އަޒޫރް އޭއައި ޕްލެޓްފޯމްގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް އެރިކް ބޮއިޑް ދަ ވާޖް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފައި-3 މިނީއަކީ ޖީޕީޓީ-3.5 ފަދަ މޮޑެލްތަކާ ގާތްގަނޑަކަށް އެއްވަރަށް ނަތީޖާ ނެރެދޭނެ ކުޅަދާނަ މޮޑެލްއެއް ކަމަށެވެ.

ފައި-3 ފަދަ ކުދި އޭއައި މޮޑެލްތަކުން ބޮޑެތި މޮޑެލްތަކަށް ވުރެ ގިނަ ފައިދާތަކެއް ލިބޭ އިރު އޭގެ ތެރޭގައި، ކޮމްޕިއުޓޭޝަނަލް ޚަރަދު ކުޑަވުމާއި ފޯނާއި ލެޕްޓޮޕް ފަދަ ޕާސަނަލް ޑިވައިސްތަކުގައި ޕާފޯމަންސް ރަނގަޅުވުން ހިމެނެއެވެ. އެހެނިހެން އޭއައި ކުންފުނިތަކުން ނެރެފައިވާ ބޮޑެތި އެޕްލިކޭޝަންތަކަކަށް ސޮލިއުޝަންތައް ހޯދަމުން އަންނައިރު، މައިކްރޮސޮފްޓްގެ އަމާޒަކީ ފައި-3 އަކީ އަގުހެޔޮ އަދި ހަރުދަނާ އޮޕްޝަނެއްގެ ގޮތުގައި ކަނޑައެޅުމެވެ.

ބޮއިޑް ވިދާޅުވީ ޑިވެލޮޕަރުން ފައި-3 ތަމްރީނުކުރީ "ކަރިކިއުލަމް" އެޕްރޯޗެއް ބޭނުންކޮށްގެން ކަމަށާއި، އާދައިގެ ވާހަކަތަކުން ފެށިގެން ދަސްކޮށް، މަޑުމަޑުން އިތުރަށް ކޮމްޕްލެކްސް މައުޟޫއުތަކަށް ކުރިއަރަމުން އަންނާނެ ކަމަށެވެ.

"ފައި-3" އަކީ މީގެ ކުރީގެ ބޮޑެތި މޮޑެލްތަކާ އަޅައިބަލާއިރު ކޯޑިން އާއި ރީޒަނިންގެ ދާއިރާއިން ރަނގަޅު ގާބިލުކަން ލިބިފައިވާ މޮޑެލްއެއް ނަމަވެސް، އިންޓަނެޓްގެ ބޮޑެތި ޑޭޓާތަކުން ތަމްރީނުކޮށްފައިވާ ބޮޑެތި ބަހުގެ މޮޑެލްތަކުން ފޯރުކޮށްދޭ މައުލޫމާތާ ފައި-3ގެ ނަތީޖާ އެއްވަރު ނުވާނެކަން ބޮއިޑް ގަބޫލުކުރައްވައެވެ.

comment ކޮމެންޓް