އިއްޔެ ކުރިއަށްދިޔަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަން (އީސީ)ން ރާވާފައިވާގޮތާ މެދު ބޭރުގެ އޮބްޒާވަރުންގެ ޓީމުން ތައުރީފު ކޮށްފިއެވެ.
މި އިންތިޚާބު އޮބްޒާވް ކުރަން ބޭރުން އައިސްފައި ވަނީ ނުވަ ގައުމަކުން 19 އޮބްޒާވަރުންނެވެ. މި އޮބްޒާވަރުންގެ ތެރޭގައި އެ ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަނަރުންނާއި ޗީފް އިލެކްޝަންސް ކޮމިޝަނަރުން ހިމެނިވަޑައިގަންނަވައެވެ.
ބޭރުގެ އޮބްޒާވަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޗެއާ މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބޭރުގެ އޮބްޒާވަރުންގެ ޓީމު ހަތަރު ބަޔަކަށް ބަހާލައި ތަފާތު ސަރަހައްދުތަކުން އޮބްޒާވް ކުރި ކަމަށެވެ.
މި ބެލުންތަކުން، ވޯޓުލުން ވަގުތުންފެށި އަމާންކަމާއެކު ކުރިއަށް ދިޔަކަން ފާހަގަކުރެވުނު ކަން އޭނާ ފާހަގަ ކުރިއެވެ. އަދި ވޯޓުލާ ސަރަހައްދުގައި ފަންކާ ހަރުކޮށްފައި ހުރުމާއި އޮފިޝަލުންގެ ހިތްހެޔޮކަން ވެސް ޗެއާ ފާހަގަކުރެއްވިއެވެ.
"މި މަސައްކަތުގައި ހަރަކަތްތެރިވި 90 ޕަސަންޓު އަންހެނުންކަން ފާހަގަކުރެވުނު. އެއީ ވަރަށް އެދެވޭ މަންޒަރެއް. ވޯޓު ގުނުން ވެސް ވަގުތުން ފެށުނު. މިކަން ވެސް ކުރިއަށް ދިޔައީ ވަރަށް އަމާންކޮށް،" ޗެއާ ވިދާޅުވިއެވެ.
ގިނަ މޮނީޓަރުން ވަނީ، އިންތިޚާބުގައި ބޭނުންކޮށްފައިފާ ޓެކްނޮލޮޖީއަށް ތައުރީފު ކޮށްފައެވެ. އެގޮތުން، ފިލިޕީންސް ތަމްސީލު ކުރައްވާ މޮނީޓަރު ނެލްސަން ސެލިސް ވިދާޅުވީ ވޯޓުލާ މީހުންގެ ވަނަވަރު މިނިޓެއްތެރޭ ޓެބްލެޓް ބޭނުންކޮށްގެން ބަލާލެވޭ ކަމަށެވެ. އެހެންކަމުން ވޯޓުލާ މީހުންނަށް ވެސް ވަރަށް އަވަހަށް ވޯޓު ލެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ޓެކްނޮލޮޖީ ވަރަށް ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ ނަތީޖާ،" އޭނާ ވިދާޅުވިއެވެ.
ހުރިހާ މޮނީޓަރުން ވެސް ފާހަގަ ކުރީ އެއްވެސް މައްސަލައެއް ކުރިމަތި ނުވެ އަމާންކަމާ އެކު އިންތިޚާބު ކުރިއަށް ގެންދެވުނު ކަމެވެ. އަދި އެކަމަށް އޮބްޒާވަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ތައުރީފުކޮށް މަރުހަބާ ކިޔާފައެވެ.