ހަ ބައި އިލެކްޝަނެއްގެ ވޯޓްލުން ފަށައިފި

މީގެ ކުރިން އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެއްގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ހަ ރަށެއްގެ ކައުންސިލުން ހުސް ވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު ފަށައިފިއެވެ.

ވޯޓްލުން ކުރިއަށް ދަނީ އެ ހަ ރަށާއި މާލޭގައި މިއަދު ހެނދުނު 8:00 އިން 16:00 އަށެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތައް:

  • ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުން
  • ހއ. އުތީމު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުން
  • ނ. ލަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުން
  • ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުން
  • ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުން
  • މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުން

ރަށް ރަށުގެ ކައުންސިލު މެންބަރުންނާއި، އަންހެނުންކޮމިޓީތަކުގެ މެންބަރުން މަޤާމުން އިސްތިއުފާދޭތީ ވަރަށް އަވަސް އަވަހަށް މި މަގާމުތަކަށް މީހުން އައްޔަނު ކުރަން މިހާރު ބައި އިލެކްޝަންތައް ބާއްވަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވިގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދެއެވެ. އެ ހުސްވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބޮޑުވެ، 2022 ވަނަ އަހަރު ވަނީ ކައުންސިލުތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބޭއްވުމަށް މަޖިލީހަށް ބިލެއްވެސް ހުށަހަޅައިފައެވެ. ނަމަވެސް އަދިވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

comment ކޮމެންޓް