އެކްސް ބްލޮކްކުރީ ގައުމީ ސަލާމަތަށް ޓަކައި: ޕާކިސްތާނު

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ޕާކިސްތަނުގައި ބްލޮކްކުރީ "ގައުމީ ސަލާމަތާ" ގުޅިގެން ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއަށް ވަނުމަށް ހުރަސް އެޅީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބާ ދިމާކޮށް ކަމަށް އެ ގައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

ވޯޓު އޮޅުވާލި ކަމަށް ސަރުކާރުގެ އޮފިޝަލަކު އިއުތިރާފުވުމާގުޅިގެން އެކަމާ ދެކޮޅަށް ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީން އިހުތިޖާޖު ކުރުމަށް އެޕްލެޓްފޯމް މެދުވެރިކޮށް ގޮވާލައިފައިވާއިރު، ފެބްރުއަރީ މަހުގެ މެދުތެރެއިން ފެށިގެން އެކްސް ބޭނުންކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ގިނަ ބަޔަކު ވަނީ ރިޕޯޓްކޮށްފައެވެ.

އޭރު ސަރުކާރާއި ދައުލަތުގެ ރެގިއުލޭޓަރީ އިދާރާ ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ވެސް ވަނީ އިންޓަނެޓް ވޮޗްޑޮގް ގްރޫޕްތަކުން ވެސް އެކްސް ބްލޮކް ކުރުމާބެހޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ނަމަވެސް އިއްޔެ އިންޓީރިއާ މިނިސްޓްރީން ކޯޓަށް ހުށަހެޅި ލިޔުމެއްގައި ވަނީ އިންތިޚާބާ ދިމާކޮށް އެކްސްއަށް ހުރަސްއެޅި ކަމަށް ބުނެފައެވެ.

"ޕާކިސްތާނުގެ ސަރުކާރުގެ ގާނޫނީ އިރުޝާދުތަކަށް އެކްސް އިން ބޯނުލަނބާ، އެ ކުންފުނީގެ ޕްލެޓްފޯމް ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން، އެކްސް މަނާކުރަން ޖެހުނީ،" ލިޔުމުގައިވެއެވެ.

"ޕާކިސްތާނުގައި އެކްސް މަނާކުރަން ނިންމީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި އާންމު އަމާންކަން ދެމެހެއްޓުމަށާއި ގައުމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި."

އެ މައްސަލަ ހައްލުކުރަން އެ ޕްލެޓްފޯމުން މަސައްކަތް ނުކުރާ ކަމަށް ވެސް ލިޔުމުގައި ބުނެފައިވެއެވެ.

އެ ކަމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ އެކްޓިވިސްޓުން ބުނަނީ މިއީ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބަށް ފަހު ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ރާވާފައިވާ ކަމެއް ކަމަށެވެ.

އެކްސް ވަގުތީ ގޮތުން ބްލޮކް ކުރަން ނިންމީ ޕާކިސްތާނުގެ އިންޓެލިޖެންސާއި ސަލާމަތީ އިދާރާތަކުގެ ސިއްރު ރިޕޯޓްތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ރިޕޯޓުގައި ވެއެވެ.

ސިންދު ހައި ކޯޓުން އިއްޔެ ވަނީ އެ ޕްލެޓްފޯމް އެއް ހަފުތާގެ ތެރޭގައި އަލުން އިއާދަކުރުމަށް ސަރުކާރަށް އަންގައިފައެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެންމެ ގިނައިން ބޭނުންކުރާ ޕާޓީއެވެ. ހާއްސަކޮށް އެކްސް ބޭނުންކުރުން އިތުރުވެފައިވަނީ އެ ގައުމުގެ މީޑިއާތަކުން އިންތިހާބާ ދިމާކޮށް އިމްރާނާއި އޭނާގެ ޕާޓީއާ ގުޅޭ ހަބަރުތައް ސެންސަރު ކުރަން ފެށުމާ ގުޅިގެންނެވެ. އެކްސްގައި ޚާންގެ ފޮލޯވަރުންގެ އަދަދު 20.6 މިލިއަނަށް އަރައެވެ.

comment ކޮމެންޓް