ފުވައްމުލަކު ދެކުނަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ނަޒުރާއަށް ޕީއެންއެފުން ތާއިދުކޮށްފި

ނަޒްރާ ނަސީމް: ފުވައްމުލަކު ދެކުނަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ނަޒުރާއަށް ޕީއެންއެފުން ވަނީ ތާއިދުކޮށްފައި --

އެމްޑީޕީ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ, ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ތާއިދުކޮށްފިއެވެ.

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "ސަން"އަށް ވިދާޅުވީ، އެހެން ދާއިރާތަކެކޭ އެއްގޮތަށް ފުވައްމުލަކު ދެކުނު ދާއިރާއަށް ވެސް އޮތީ ރައީސް ޑރ. މުޙައްމަދު "މުއިއްޒު ނޫން ގޮތެއް" ކަމަށެވެ.

"ފުވައްމުލަކު ދެކުނުގަ ޕީއެންއެފްގެ ކެންޑިޑޭޓެއް ނެތް. ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން ތާއިދުކޮށްގެން ތިބީ ޕީއެންސީން ނެރުނު އަޅުގަނޑުމެންގެ ކެންޑިޑޭޓަށް. އެހެންނަމަވެސް ފަހުން އެ ކެންޑިޑޭޓު އެ ވަނީ މުޅިން ސަރުކާރަށް ގޮސްފައި. މުޅިން އަޅުގަނޑުމެންނާ ދެކޮޅަށް ވާދަކުރާތީ އަޅުގަނޑުމެންގެ ތާއިދެއް ނެތް،" މަލީހް ވިދާޅުވިއެވެ.

ފުވައްމުލަކު ދެކުނަށް ޕީޕީއެމް، ޕީއެންސީން ވާދަކުރަނީ އިބްރާހިމް ހުސެއިން (އިއްބެ) އެވެ.

ޕީއެންއެފްއިން ނަޒުރާއަށް ތާއިދުކުރާކަން އިއުލާން ކުރުމުގެ ކުރިން އެމްޑީޕީން ވަނީ، ޔާމީންގެ ތާއީދާއެކު ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، މުޙައްމަދު ޝަރަފުއްދީނަށް އެ ޕާޓީން ތާއިދުކުރާކަން އިއުލާންކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 29 ގައި އުފައްދަން ހުއްދަދިން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީ މިދިޔަ ހަފުތާގައެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލާން ފުރުސަތު ހުޅުވާލި މުއްދަތުގައި އެ ޕާޓީ އުފެދިފައި ނުވާތީ، ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތިލެއްވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން އޮއްނާނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށެވެ.

comment ކޮމެންޓް