ޔާމީންގެ ތާއީދާ އެކު ފުވައްމުލަކު އުތުރަށް ވާދަކުރައްވާ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި

ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީން: އޭނާއަށް ތާއީދުކުރަން އެމްޑީޕީން ވަނީ ނިންމާފައި -- ފޮޓޯ/ ޗެނަލް 13

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، މުޙައްމަދު ޝަރަފުއްދީނަށް އެމްޑީޕީން ތާއީދުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީނަށް އެ ޕާޓީން ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން މުޙައްމަދު ޝަރަފުއްދީނަށް ތާއީދުކޮށް ވޯޓުދިނުމަށް ވެސް އެ ޕާޓީން ވަނީ އެދިފައެވެ.

މަޖިލިސް އިންތިޚާބުގައި ޝަރަފުއްދީން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް، އޭނާއަކީ ކުރީގެ ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓެވެ. އޭނާ ވަނީ ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުން ތައާރަފުކުރުމަށް، ޔާމީން އުފެއްދެވި އާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ބޭއްވި ޖަލްސާތަކުގައި ވެސް ވާހަކަ ދައްކަވާފައެވެ.

ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޝަރަފުއްދީންގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ހަމްދު އަބްދުﷲއެވެ.

މީގެ ކުރިން އެމްޑީޕީން ވަނީ ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވައި ކެންޑިޑޭޓް އަލީ ޒާހިރު (އަލިޕީ)އަށް ވެސް ތާއީދުކޮށްފައެވެ.

މި ފަހަރުގެ އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ ވެސް އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގެ ވޯޓުލުން އެ ދުވަހު ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފައެވެ. އެ ކޮމިޝަނުން މިހާރު އަންނަނީ މަޖިލީސް އިންތިޚާބުގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

comment ކޮމެންޓް