ވަޓްސްއެޕަށް އާ މެސެޖް ފިލްޓާ ފީޗާއެއް އިތުރުކޮށްފި

އަލަށް ތައާރަފުކުރި ފިލްޓާތައް --

ވަޓްސްއެޕުން 'އަންރެޑް' މެސެޖުތަކާއި ގުރޫޕް މެސެޖުތައް ތަރުތީބުކޮށްލެވޭ ގޮތަށް އާ ޗެޓް ފިލްޓަރުތަކެއް ތަޢާރަފުކޮށްފިއެވެ.

މެސެޖުތައް އިންތިޒާމުކުރުމަށް ވަޓްސްއެޕުން އާ ޗެޓް ފިލްޓަރުތައް ތައާރަފުކުރަން ފަށައިފައިވާއިރު، މިފީޗާގެ ސަބަބުން ޔޫޒަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެއެވެ.

އާ އަޕްޑޭޓާއެކު މުޅި ޗެޓް ލިސްޓު ސްކްރޯލް ކުރަން ނުޖެހި އެންމެ މުހިންމު މެސެޖްތައް ފަސޭހަކަމާއެކު ހޯދޭނެއެވެ. ވަޓްސްއެޕްގެ ޗެޓް ފިލްޓާސް ފީޗާތައް ޗެޓް ލިސްޓުގެ އެންމެ މަތިން ފެންނާނެއެވެ. ޗެޓް ފިލްޓާތައް މިހާރު ތައާރަފުކުރަމުން އަންނައިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް އެ ފިލްޓަރުތައް ލިބޭނެއެވެ.

މެޓާގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ ވަޓްސްއެޕުން އިއްޔެ ވަނީ ބްލޮގް ޕޯސްޓެއް މެދުވެރިކޮށް ޗެޓް ފިލްޓާސް ތައާރަފުކުރަން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ. އަލަށް ތައާރަފުކުރި މި ފީޗާގެ މަގުސަދަކީ އެއްފަހަރާ ނުކިޔޭ ހުރިހާ ޗެޓެއް ބަލާލުމަށް ފަސޭހަކޮށްދިނުމެވެ.

މި އަޕްޑޭޓް މެދުވެރިކޮށް ތަފާތު ތިން ފިލްޓަރެއް ލިބޭނެއެވެ. އެގޮތުން އޯލް، އަންރެޑް އަދި ގްރޫޕްސް، މި އޮޕްޝަންތައް ފެންނާނެއެވެ.

ވަޓްސްއެޕުން ބުނީ ފިލްޓަ އޮޕްޝަންތައް ރޯލްއައުޓްވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މި ފިލްޓާ އޮޕްޝަންތައް ލިބެން ހުންނާނެ ކަމަށެވެ.

މި އަޕްޑޭޓް މީގެ ކުރިން ވަޓްސްއެޕް ބީޓާ އިން ފެނިފައި ވަނީ އެންޑްރޮއިޑް 2.22.16.14 އަށެވެ.

ޖީމެއިލްއިން މިފަދަ ފީޗާއެއް ތައާރަފްކުރީ 2020 ވަނަ އަހަރުއެވެ.

ވަޓްސްއެޕުގެ އާ ޗެޓް ފިލްޓަރުތަކަކީ އެ ޕްލެޓްފޯމްގެ ޔޫޒަރުން އިތުރުކުރުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކޮށްފައިވާ ފިލްޓަރުތަކެކެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުވެސް ވަޓްސްއެޕުންވަނީ އާފީޗާއެއް ތަޢާރަފުކޮށްފައެވެ. އެގޮތުން އެފަހަރު ތަޢާރަފުކުރީ "ޕިންޑް މެސެޖްސް"އެވެ. މީގެއިތުރުން ވޮއިސް މެސެޖުތަކަށް ވިއު ވަންސް އޮޕްޝަންއެއް ވެސް ގެނެސްދިނެވެ. ހަމަ އެފަދައިން މިއަހަރުގެ ކުރީކޮޅު އެންޑްރޮއިޑަށް އާ ބޮޓަމް ނެވިގޭޝަން ބާއެއްވެސް ތައާރަފުކުރިއެވެ.

comment ކޮމެންޓް