ހިތުގައި އުފެދޭ ޝުއޫރުތައް ދިވެހިބަހުން ފާޅުކުރަން އެދިވަޑައިގެންފި

ހިތުގައި އުފެދޭ ޖަޒުބާތާއި ޝުއޫރުތައް ވެސް ދިވެހިބަހުން ފާޅުކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިއަދު އެދިވަޑައިގެންފިއެވެ.

ދިވެހިބަހުގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚާއްސަ މެސެޖެއްގައި އަޝްރަފް ވަނީ ޅަފުރައިގެ ކުދީންނަށް ދިވެހި ވެށީގައިވާ ތަކެއްޗަށް ކިޔާނޭ ދިވެހި ނަންތައް ނޭނގޭކަމާއި، އެ ކުދީންގެ ސިކުނޑިތަކުގައި ހަރުލާފައި ހުންނަ ދިވެހި ބަސްކޮށާރު ފޮހެވިގެން އަންނަކަން ފާހަގަކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެ މެސެޖުގައި އޭނާ ވިދާޅުވީ، މި މައްސަލަ ކުރިމަތިވަނީ ކީއްވެގެންތޯ ދިރާސާކޮށް، އެކަން ހައްލުކުރުމަށް އޮތް މަގަކީ ކޮބައިތޯ ބަލައި، އެކަމާ މަސްއޫލުވާ ފަރާތްތަކުން އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.

"ބަހުގެ އުސްތާޒުން ވިދާޅުވާ ގޮތުގައި ދިވެހިން ވިސްނާ ކުދީން މަދުވެއްޖެއެވެ. އަމުދުން ދިވެހިބަހުން ވިސްނާ ކުދީން އަދި މާ މަދުވެއްޖެއެވެ،" އަޝްރަފް ފޮނުއްވި މެސެޖުގައިވެއެވެ.

އޭނާ ވިދާޅުވާ ގޮތުގައި އިނގިރޭސި ލަފުޒުތައް ބޭނުންކުރާ ކުދީން ގިނަވެ، ދިވެހިބަހުން ޝުއޫރު ފާޅުކުރުން މި އޮތީ ދަތިކަމަކަށް ވެފައެވެ. އެ ގޮތުން އެންމެ އާދައިގެ ތަކެއްޗަށް ކިޔާ ދިވެހި ނަންތައް ވިސްނުމަށް ނައިސް، އިނގިރޭސި ލަފުޒުތަކުން ޝުއޫރު ފާޅުކުރަނީ ދިވެހީން ނުވިސްނޭތީ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެ މެސެޖުގައި އިތުރަށް ވިދާޅުވެފައި އޮތީ ދިވެހި ވެށީގައިވާ ތަކެއްޗަށް ކިޔާނެ ދިވެހި ނަންތައް ދިވެހީންގެ ވިސްނުމަށް އައުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ، އޭގެ ސަބަބުން ދިވެހި ވެށްޓާމެދު ލޯބި އިތުރުވެ، ދިވެހިރާއްޖެއަށް ޚާއްސަ ތަކެތި ދެނެގަނެވި، އެއަށް ޚާއްސަ ގަދަރެއް އުފެދޭނެތީ ކަމަށް ވިދާޅުވެފައިވެއެވެ.

"ދިވެހި މަހާއި ދިވެހި ގަހާއި ދިވެހި މާ ވަކިކުރަން ފަސޭހަވާނެތީއެވެ. ދިވެހިބަހުގެ ދިވެހި ރަހައާއި ދިވެހި ގަހުގެ ދިވެހި މޭވާއާއި ދިވެހި މަލުގެ ދިވެހި ވަސް ދިވެހީންނަށް މާ ބޮޑަށް ވެސް ގަޔާވެވޭނެތީއެވެ. އެހެންވީމާ، ދިވެހީންގެ ގޮތުގައި ތިބެ ދިވެހިބަހުން ވިސްނަމާ ހިންގަވާށެވެ،" އޭނާ ވިދާޅުވިއެވެ.

އަޝްރަފްގެ މެސެޖުގައި އެދިވަޑައިގަތީ ދިވެހިބަހުން ވިސްނުމަށާއި، ހިތުގައި އުފެދޭ ޝުއޫރުތައް ދިވެހިބަހުން ފާޅުކުރުމުގެ އިތުރުން ދިވެހި ވެށީގައިވާ ތަކެއްޗަށް ކިޔާނެ ދިވެހި ނަންތައް ސިކުނޑިތަކުގައި ހަރުލެއްވުމަށެވެ.

ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހަށް ވެސް ވަކި ޚާއްސަ ޝިއާރެއް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅައި، އެ ޝިއާރު ހާސިލުކުރުމުގެ މަސައްކަތް ކުރެއެވެ. އެ ގޮތުން މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދިވެހިބަހުން ވިސްނަމާ"އެވެ.

ބޮޑެތިވަމުން އަންނަ ކުދީންގެ ކިބައިގައި ދިވެހިބަހާމެދު އޮންނަ ޝައުގުވެރިކަން ކުޑަވުމަކީ މި ފަހަކަށް އައިސް ކަންބޮޑުވުން އުފެދިފައި އޮތް މައްސަލައެކެވެ.

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން، ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަން ސަރުކާރުން ނިންމީ ޖެނުއަރީ 21، 2015 ގައެވެ.

ދިވެހިބަހުގެ ދުވަހަކީ 14 އެޕްރީލު ކަމަށް ސަރުކާރުން ކަނޑައެޅީ، އެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސް ކަމުގައިވާތީއެވެ.

comment ކޮމެންޓް