ރޯދަ ނުގެއްލޭނެކަމަށް ހީކޮށް ވޭޕުކުރަނީ، ހަގީގަތަކީކޮބާ؟

ރޯދަ ނުގެއްލޭނެކަމަށް ހީކޮށް ރޯދައަށް ހުރެ ވޭޕުކުރާ މީހުން ރާއްޖޭގައި އުޅޭ -- ފޮޓޯ / ބީބީސީ.ކޮމް

ރާއްޖޭގައި ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންތަކެއްގެ ފަރާތުން އެނގުނުގޮތުގައި އެ ކުދީން ރޯދައަށް ތިބެގެން ވޭޕު ކުރެއެވެ. އަދި އެއީ ހަމައެކަނި "ދުމެއް" ކަމުން، ރޯދައަށް ހުރެގެން ވޭޕު ކުރިޔަސް ރޯދައެއް ނުގެއްލޭނެކަމަށް އެ ކުދީން ދެކެއެވެ. ވީމާ މިކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ދާދި ފަހުން ދުނިޔެއަށް ތަޢާރަފުކުރި ވަބާއެއްކަމަށްވާ އީ-ސިނގިރޭޓާއި ވޭޕުގެ މައްސަލައަކީ ދިވެހިރާއްޖޭގައިވެސް ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުން އަންނަ މައްސަލައެކެވެ. އާއްމުންނެކޭ އެއްގޮތަށް މަދަރުސާކުދީންވެސް ފަތުއަޑުކިޔާފައި މިނުބައި އާދައިގެތެރެއަށް ވަންނަމުންދާކަމީ އިންތިހާއަށް ހިތާމަކުރާންޖެހޭ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އީ-ސިނގިރޭޓުގައި ހިމެނޭ ޕްރައިމަރީ ދެ މާއްދާ ކަމަށްވާ ޕްރޮޕައިލީން ގްލައިކޮލް އާއި ވެޖިޓޭބަލް ގްލިސެރިން އަކީ ހަށިގަނޑުގައިވާ ސެލްތަކަށް ގެއްލުންދޭ ވިހަ މާއްދާތަކެކެވެ. މީގެއިތުރުންވެސް ނުރައްކާތެރި ގިނަ ކެމިކަލްތަކެއް އީ-ސިނގިރޭޓުން އުފައްދައެވެ. އޭގެތެރޭގައި ހިމެނޭ އެސިޓަލްޑީހައިޑް، އެކްރޮލީން އަދި ފޯމަލްޑައިޑް އަކީ އޭގެ ސަބަބުން ކެންސަރާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ކާޑިއޯ ވެސްކިއުލަރ (ހިތުގެ) ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ކެމިކަލްތަކެވެ.

އީ-ސިނގިރޭޓާއި ވޭޕުގައި ހިމެނޭ ނިކޮޓިން އަކީ އެއަށް ދެވިހިފުމުގެ ބާރު ވަރަށް ބޮޑަށް އެކުލެވިގެންވާ ނުރައްކާތެރި މާއްދާއެކެވެ. މިއީ ސިކުނޑި ތަރައްޤީވުމަށް ނޭދެވޭ އަސަރުކުރުވާ އަދި ޚާއްޞަގޮތެއްގައި، ހެދިބޮޑުވަމުން އަންނަ ކުދީންނަށާއި ޒުވާނުންގެ ޞިއްޙަތަށް ގެއްލުން ބޮޑު މާއްދާއެކެވެ. ވޭޕުކުރުމަކީ ދުންފަތުގެ އިސްތިޢުމާލުގެތެރޭގައި ހިމެނޭ އެހެނިހެން ގޮތްތަކަށް މީހާ ހުށަހެޅިގެންދާ ކަމެއްވެސްމެއެވެ. އަދި މީގެތެރެއިންލާފައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހޭމީހުން އުޅޭކަންވެސް ހޯދިފައިވެއެވެ. މަސްތުވާ ބާވަތްތައް އިންފިޒްކޮށްފައި ހުންނަ ވޭޕު ރާއްޖޭގައި ވިއްކުން އާއްމުވަމުންދާކަމުގެ ޚަބަރުތައް ތިލަވެގެން ދިއުމަކީ މީގެ ސާފު ހެއްކެކެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުން ޞިއްޙަތަށާއި އެހެނިހެން ގޮތްގޮތުން ލިބޭ ގެއްލުންތަކަކީ މީހާ ހަލާކުގެތެރެއަށް ވެއްޓިގެންދާ ގެއްލުންތަކެއްކަން މިހައިތަނަށް ޔަޤީންކުރެވިފައިވެއެވެ. ވުމާއެކު، މި ޔަޤީނުގެ މައްޗަށް ބައްލަވައި، އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ވިދާޅުވާގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ. މި ޙުކުމަށް އެބޭފުޅުން ދައްކަވާ ދަލީލުތަކުގެތެރޭގައި؛ އަމިއްލަ ނަފުސުތައް އަމިއްލައަށް ޤަތުލުނުކުރުމަށާއި (ނިސާ: 29) އަދި އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެތެރެއަށް އެއްލައިނުލުމަށް (ބަޤަރާ: 195) ﷲ އަންގަވާފައިވާ ބަސްފުޅާއި އަދި މިނޫންވެސް ޝަރުޢީ ނައްޞުތައް ހިމެނެއެވެ.

ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވާގޮތުގައި، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙުކުމާމެދު (އެބަހީ: ޙަރާމްކަމެއްތޯ ނުވަތަ މަކުރޫހަކަމެއްތޯ ނުވަތަ ހުއްދަ ކަމެއްތޯއާމެދު) ޢިލްމުވެރީންގެ ޚިޔާލުތަފާތުވުން އުފެދިފައިވެއެވެ. ނަމަވެސް މިއީ މިކަމާ ގުޅޭގޮތުން އައިސްފައިވާ ދަލީލުތަކާމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމެއްނޫނެވެ. އެހެނެއްކަމަކު އެއީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭކަމަށް އެހައިތަނަށް އެނގިފައިވާ ގެއްލުންތަކުގެ މައްޗަށް ބިނާވެގެން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކެކެވެ. (މިޒަމާނުގައި ހޯދި ޔަޤީން ކުރެވިފައިވާފަދައިން) ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ގެއްލުންތައް (އެއީ ވާ އެއްޗެއްކަން) ޝައްކެތްނެތި ޔަޤީނުން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނަމަ، އެއްވެސް ބަހުސެއް ނެތި އެކަން ޙަރާމްކުރެއްވީހެވެ.

ވޭޕާއި އީ-ސިނގިރޭޓުން ލިބޭކަމަށް ހޯދިފައިވާ ގެއްލުންތައް އެއީ އެއާމެދު ދެބަސްނުވެވޭ މިންވަރަށް ޔަޤީންކުރެވިފައިވާ ގެއްލުންތަކެއްނަމަ، ޢާއްމު ދުންފަތުގެ އިސްތިޢުމާލާ ބެހޭގޮތުން އިސްވެ ބުނި ޙުކުމެކޭ އެއްގޮތަށް ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުމަކީވެސް ޙަރާމްކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެއީ ޞިއްޙީގޮތުން އެހައި ބޮޑު ގެއްލުމެއް ލިބޭ އެއްޗެއް ނޫންކަމަށް ފަހަރެއްގައި ދިރާސާތަކުން ދެއްކިނަމަވެސް އެއީ އިސްލާމްދީނުގައި ހުއްދަ އެއްޗެއްކަމަށް ބުނެވޭނެ ޖާގައެއްނެތެވެ. އެހެނީ އޭގެ ސަބަބުން މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ގެއްލުންތައް އޭގައި އެކުލެވިގެންވާތީއެވެ.

ރޯދައަށް ހުރެ ދުންފަތުގެ އިސްތިޢުމާލުކޮށްފިނަމަ ރޯދަ ގެއްލޭނެކަމަށް ހަތަރު މަޛުހަބުގެ ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. އެއީ އޭގެ ދުން ހަށިގަނޑުގެ ތެރެއަށް ދާކަން ޠިއްބީގޮތުން ޔަޤީންކުރެވިފައިވާތީއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، މަންފާއެއް ހުރި ނުވަތަ މަންފާއެއްނެތް އެއްޗަކަށްވިޔަސް، ހަށިގަނޑަށް ކާބޯތަކެތި ވަންނަ ޠަބީޢީ މަގަކުން ގަސްތުގައި އެތެރެކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. ސިނގިރޭޓާއި ވޭޕު އަދި ޝީޝާއަކީ އާއްމު ކާބޯ ތަކެއްޗާ ތަފާތު އެއްޗެތިނަމަވެސް މިބަވާތްތަކަކީވެސް "ބުއިމެއް" ގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗެވެ. ޒަމާނީ އީ-ސިނިގިރޭޓާއި ވޭޕާއި ޝީޝާ ބުއިމުން އޭގައި ހިމެނޭ ނިކޮޓިންއާއި އެހެނިހެންވެސް މާއްދާތައް، އަނގައިގެތެރެއިން ލާފައި ހަށިގަނޑަށް އެތެރެވާކަން އެއީ ޔަޤީންކަމެކެވެ. ވީމާ، ރޯދައަށް ހުރެ މިއިން ބާވަތެއް ބޭނުންކޮށްފިނަމަ ރޯދަ ގެއްލޭނެއެވެ.

ޓްރެޑިޝަނަލް ސިނގިރޭޓާއި އީ-ސިނިގިރޭޓު އަދި ވޭޕާއި ޝީޝާފަދަ ތަކެއްޗަކީ "ކެއުން ބުއިމުގެ" ތެރޭގައި ހިމެނޭ ތަކެތި ކަމަށް ނުބަލަމާ ހިނގާށެވެ. އެހެންވިޔަސް ރޯދައަށް ހުރެ އެ ތަކެތި ބޭނުންކުރުން ހުއްދަވާނެ ގޮތެއް ނެތެވެ. ރޯދައާ ބެހޭގޮތުން އައިސްފައިވާ ޤުދުސީ ޙަދީޘެއްގައިވެއެވެ. "... އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތްތައް އޭނާ ދޫކޮށްލީ ތިމަން ﷲ އަށް ޓަކައެވެ. ..."(ބުޚާރީ: 1894) މި ބަސްފުޅަށް ބަލާއިރު ކެއުން ބުއިމުގެ އިތުރުން އިންސާނާ އެދޭ ޝަހުވަތްތަކާ ދުރުވެގެން ހުރުމަކީ ރޯދަވެރިޔާއަށް ލާޒިމުވެގެންވާ ކަމެކެވެ. ވޭޕުކުރުމަކީ އޭގެ އަހުލުވެރިޔާ އެއަށް ވަރަށް ބޮޑަށް ހިތްޖެހި ޝައުގުވެރިކަމާއެކު ފުރިހަމަކުރާ ޝަހުވަތެކެވެ. ރޯދައިގެ ޙުރުމަތަށްޓަކައިވެސް، ރޯއަށް ހުންނަ ވަގުތު އެކަމާ ދުރުވެގެން ނުހުރެވެނީ އެހެންވެގެންނެވެ. އެހެންކަމުން ކޮންމެ ގޮތަކުން ބެލިނަމަވެސް ރޯދައަށް ހުރެ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވޭޕުކުރުމަކީ ރޯދަ ގެއްލޭނެކަމެއްކަން ސާފުކޮށް އެނގެއެވެ.

ވީމާ، ރޯދައަށް ހުރެ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވޭޕުކުރުން ފަދަ ޢަމަލެއް ކުރެވިފައިވާނަމަ އޭގެ ސަބަބުން ގެއްލުނު ރޯދަތައް އަލުން ހިފާންޖެހޭނެއެވެ. އަދި ތައުބާވެ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅަންވާނެއެވެ. ކިތަންމެ ގިނައިން ނުބައި ކަންތައްތައް ކުރެވިފައިވިޔަސް ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިލައިގެންނުވާނެއެވެ. އެކަލާނގެއީ ހުރިހައި ފާފަތަކެއް ފުއްސަވާ ރަސްކަލާނގެއެވެ.(ޒުމަރު: 53)

comment ކޮމެންޓް