މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިވެއްޖެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން އަލްކަރާޒް ބަލިވެފައިވަނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ބައްދަލުކުރި މެޗުން ބަލިވުމުންނެވެ. މި މެޗު ޑިމިޓްރޯވް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 6-2އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޑިމިޓްރޯވް ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ.
މި ނާކާމިޔާބީއާ އެކު 2017 ވަނަ އަހަރު ރޮޖާ ފެޑޭރާ ސަންޝައިން ޑަބަލް ހެދިފަހުން ފުރަތަމަ ފަހަރަށް ސަންޝައިން ޑަބަލް ހެދުމަށް އަލްކަރާޒް ކުރި މަސައްކަތް މިވަނީ ނާކާމިޔާބު ވެފައެވެ. ސަންޝައިން ޑަބަލްއަކީ އިންޑިއަން ވެލްސްއާއި މައޭމީ އޯޕަން ޖެހިޖެހިގެން ކާމިޔާބުކުރުމަށް ޓެނިހުގެ ދުނިޔޭގައި ދެވިފައިވާ ނަމެކެވެ.
މިއީ ޑިމިޓްރޯވް އަތުން އަލްކަރާޒް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މި ދެ ކުޅުންތެރިން އެންމެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޝަންހާއީ މާސްޓާޒްގައި ބައްދަލުކުރި މެޗު ވެސް ކާމިޔާބު ކޮށްފައިވަނީ ޑިމިޓްރޯވްއެވެ.
މި މުބާރާތުގެ ސެމީފައިނަލްގައި ޑިމިޓްރޯވް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ހަތަރުވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވްއެވެ.
ސެމީފައިނަލުން ޒްވަރޭވް ޖާގަހޯދީ ކުއާޓާ ފައިނަލްގައި ހަންގޭރީގެ ފަބިއަން މަރޯޒްސާންއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ، 6-3 އަދި 7-5 އިންނެވެ. މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާއާއި ތިންވަނައަށް ސީޑު ކުރެވިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ރަޝިއާގެ ޑަނީލް މެޑްވެޑޭވްއެވެ.