ބޯޓެއްޖެހި އެމެރިކާގެ ބްރިޖް ވެއްޓުނު ހާދިސާގައި 6 މަރު

ބޯޓެއް ޖެހިގެން އެމެރިކާގެ ފްރާންސިސް ސްކޮޓް ބްރިޖް ވެއްޓުނު ހާދިސާގައި ހަ މީހުން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައި -- ފޮޓޯ/އަލް ޖަޒީރާ

ބޯޓެއްޖެހި އެމެރިކާގެ ބަލްޓީމޯ ބްރިޖް ވެއްޓުނު ހާދިސާގައި މިހާތަނަށް ހަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

އެމެރިކާގެ ކޯސްޓްގާޑާއި މެރީލޭންޑް ސްޓޭޓް ޕޮލިސްގެ އޮފިޝަލުން ބުނީ ފެނުގެ ފިނި ފިނިހޫނުމިނާއި ބްރިޖް ވެއްޓުނު ފަހުން ފާއިތުވި ދިޔަ މުއްދަތަށް ބަލާއިރު ގެއްލިފައިވާ ހަ މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އެ ހާދިސާގައި ހަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު، އިތުރު ދެ މީހުން ސަލާމަތްކޮށްފައިވެއެވެ. އެ ތަނުން އެކަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެ އަށް މީހުންނަކީ ވެސް ބޯޓު ޖެހުނު ވަގުތު ބުރިޖްމަތީގައި މަސައްކަތްކުރަން ތިބި މީހުންނެވެ.

މެރީލޭންޑްގެ ގަވަރުނަރު ވެސް މޫ ވިދާޅުވީ މި ހާދިސާގައި ގެއްލުން ކުޑަކުރެވުނީ ބޯޓަށް މައްސަލައެއް ދިމާވެ ކޮންޓްރޯލް ގެއްލިފައިވާކަމުގެ ރިޕޯޓް ލިބި، އެ ބްރިޖުން ވެހިކަލްތައް ހުސްކޮށް އެތަން ބަންދުކުރުމުން ކަމަށެވެ.

މި ހާދިސާ ހިނގި މަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި ކޮންޓްރޯލްނުވެ ބާރު ސްޕީޑުގައި ދިޔަ ބޯޓު ބްރިޖްގެ ދަށުން ދިއުމުގެ ބަދަލުގައި ގޮސް ޖެހުނީ ތަނބެއްގައެވެ.

ބްރިޖްގައި ޖެހިފައިވަނީ ލަންކާއަށް ދަތުރުކުރަމުންދިޔަ ސިންގަޕޫރު ބޯޓެކެވެ.

ފްރާންސިސް ސްކޮޓް ކީ ބްރިޖް ނަމަކަށް ކިޔާ އެ ބްރިޖްގައި ބޯޓުޖެހުމާ އެކު ބޯޓުގައި އަލިފާން ރޯވެ، ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި، ބްރިޖު ވެއްޓުނުއިރު ބްރިޖު މަތިން ދަތުރުކުރަމުން ދިޔަ އުޅަނދުތަކެއް ވެސް މޫދަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް