އެމެރިކާގައި ޓިކްޓޮކް މަނާކުރުމަކީ 170 މިލިއަން މީހުންގެ ހިޔާޅުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމުގައި ޓިކްޓޮކުން ބުނެފިއެވެ.
ޓިކްޓޮކުން އެގޮތަށް ބުނީ ޓިކްޓޮކްގެ ވެރިފަރާތުން ޗައިނާއާ ގުޅުން ކަނޑައިނުލައިފިނަމަ، އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް އެ ގައުމުގެ ކޮންގްރެސްގެ ތިރިގެއިން ހޮނިހިރު ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.
އެ ބިލަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ޕެކޭޖުގެ ތެރެއިން ޔޫކްރޭނަށް ދޭ އެހީ ހިމެނޭ ގޮތަށް އެކުލަވައިލާފައިވާ ބިލެއް ކަމަށާއި އަންނަ ހަފުތާގެ ކުރީކޮޅު ބިލު ގާނޫނަކަށްވުން އެކަށީގެންވާ ކަމަށް މީޑއާތަކުން ރިޕޯޓުކުރެއެވެ.
ފާއިތުވި މަސްތަކުގައި އެމެރިކާގެ އޮފިޝަލުން ވަނީ ޒުވާނުންގެ މެދުގައި ޓިކްޓޮކްގެ މަގުބޫލުކަން ބޮޑުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި، ބައިޓްޑާންސް އަކީ ޗައިނާއަށް ތަބާވާ ކުންފުންޏެކެވެ. ނަމަވެސް ބައިޓްޑާންސުން ވަނީ ތަކުރާރުކޮށް އެ ތުހުމަތު ދޮގުކޮށްފައެވެ.
ޓިކްޓޮކްގެ ގާނޫނު ހިމަނާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ފާސްކުރި ޕެކޭޖެއްގައި ކަމަށާއި އެ ޕެކޭޖުން ޔޫކްރޭނަށް 61 ބިލިއަން ޑޮލަރުގެ އެހީގެ އިތުރުން އިސްރާއީލާއި ޓައިވާނަށް ވެސް ފައިސާ ފޮނުވަން ވަނީ ނިންމައިފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ސޮއިކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އެ ބިލް ގާނޫނަކަށް ވެއްޖެނަމަ، ބައިޓްޑާންސަށް ހިއްސާ ވިއްކުމަށް ލިބޭނީ ނުވަ މަސް ދުވަހުގެ މުއްދަތެކެވެ.
ޓިކްޓޮކްގެ ތަރުޖަމާނު މި ބިލް ކުށްވެރިކޮށް ވިދާޅުވީ ޓިކްޓޮކް މަނާކުރުމަކީ އެމެރިކާގެ 170 މިލިއަން މީހުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅުން ކަމަށެވެ. ހަތް މިލިއަން ވިޔަފާރި ބަގުރޫޓުކޮށް، އެމެރިކާގެ އިގްތިސާދަށް އަހަރަކު 24 ބިލިއަން ޑޮލަރު ލިބޭ ޕްލެޓްފޯމެއް ބަންދުކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ބައިޓްޑާންސަކީ ޗައިނާގެ ނުވަތަ އެހެން ގައުމެއްގެ އޭޖެންޓެއް ނޫން ކަމަށް ވެސް ޓިކްޓޮކުން ބުންޏެވެ.
ޗައިނާގެ ކުންފުންޏަކަށް ނޫން އެހެން ކުންފުންޏަކަށް ޓިކްޓޮކް ވިއްކުމަށް ބައިޓްޑާންސަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މިދިޔަ މާޗް މަހު ތިރިގެއިން ވަނީ ފާސްކޮށްފައެވެ.
ޗައިނާގެ ވިޔަފާރިވެރިން 2012 ވަނަ އަހަރު އުފެއްދި ބައިޓްޑާންސުން ފުރަތަމަ ތައާރަފުކުރީ ކުރު ވީޑިއޯތައް ހިއްސާކުރެވޭ އެޕް،ޑޫއިންއެވެ. އޭގެ އަހަރެއް ފަހުން އެ ކުންފުނިން ވަނީ ބައިނަލްއަގުވާމީ ވާޝަނެއް ކަމަށްވާ ޓިކްޓޮކް ތައާރަފުކޮށްފައެވެ.
އެއާއެކު ޗައިނާގައި ޓިކްޓޮކް މަނާކުރި ނަމަވެސް ފަސް އަހަރު ތެރޭގައި ބިލިއަން ޔޫޒަރުން ލިބުނެވެ.
މިހާރު ލޮސް އެންޖެލިސްއާއި ސިންގަޕޫރުގައި ހުންނަ ލިމިޓެޑް ލައިބިލިޓީ ކުންފުންޏަކުން ޓިކްޓޮކް ހިންގި ނަމަވެސް އެ ޕްލެޓްފޯމަކީ އަސްލު ބައިޓްޑާންސްގެ އުފެއްދުމެކެވެ.
ބައިޓްޑާންސްގެ ބާނީންގެ އަތުގައި އޮތީ ކުންފުނީގެ ކޮންޓްރޯލިންގް ހިއްސާގެ 20 އިންސައްތައެވެ. އަނެއް 60 އިންސައްތަ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ މިލްކުވެރިކަމުގައިވާއިރު، އޭގެ ތެރޭގައި ޖެނެރަލް އެޓްލާންޓިކް، ސަސްކެހެނާ އަދި ސެކިއުއާ ކެޕިޓަލް ފަދަ އެމެރިކާގެ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތައް ހިމެނެއެވެ.
ބާކީ 20 އިންސައްތައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުވައްޒަފުންގެ މިލްކެކެވެ. އެ ކުންފުނީގެ ފަސް ބޯޑު މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އެމެރިކާ މީހުންނެވެ.