މެލޭޝިއާގައި ﷲގެ އިސްމުފުޅު ޖެހި އިސްޓާކީނުތަކެއް ވިއްކި ބަޔަކަށް ދައުވާކޮށްފި

"ﷲ"ގެ އިސްމަފުޅު ޖެހި ސްޓާކީނުތައް ވިއްކި މެލޭޝިއާގެ ކޭކޭ ސުޕާ މާޓް --- ފޮޓޯ/އަލްޖަޒީރާ

މެލޭޝިއާގައި މާތްﷲގެ އިސްމުފުޅު ޖެހި އިސްޓާކީނުތަކެއް ވިއްކި ރީޓެއިލް ޗެއިންއަކާއި ސަޕްލަޔަރެއްގެ މައްޗަށް އެ ގައުމުގެ ކޯޓަކުން ދައުވާ އުފުލައިފިއެވެ.

އެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލައިފައިވަނީ ދީނަށް ހުރުމަތްކެނޑުމުގެ ތުހުމަތުގައެވެ.

ކޭކޭ ސުޕަ މާޓްގެ ކޮންވިނިއަންސް ސްޓޯރު ޗެއިންގެ ދެ އެގްޒެކެޓިވުން ކަމަށްވާ ސީއީއޯ ޗައި ކީ ކާންއާއި ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރާ އޭނާގެ އަންހެނުން ލޯ ސިއު މުއީގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގަސްދުގައި ދީނަށް ހުރުމަތްކެނޑުމުގެ ދައުވާއެވެ.

އޭގެ އިތުރުން، ސަޕްލައިކުރާ ކުންފުންޏެއް ކަމަށްވާ ޒިން ޖިއަން ޗަންގްގެ ތިން މަންދޫބެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ.

ނަމަވެސް ދައުވާކޮށްފައިވާ ފަސް މީހުން ވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. ކުށް ސާބިތުވެއްޖެނަމަ އެ މީހުންގެ މައްޗަށް އެއް އަހަރުގެ ޖަލު ހުމުކެއް ނުވަތަ ޖޫރިމާނާއެއް ދައްކަންޖެހޭނެއެވެ. ބައެއް ހާލަތްތަކުގައި ދެ އަދަބު ވެސް ދެއެވެ.

މީގެ ދެ ހަފުތާ ކުރިން އެ އިސްޓާކީނުތަކާމެދު ޚިޔާލުތަފާތުވުންތައް އުފެދި، ބައެއް މީހުން ވަނީ އެ ޗެއިން ބޮއިކޮޓްކުރަން ގޮވާލައިފައެވެ.

އެ މައްސަލައާ ގުޅިގެން ކޭކޭ ސުޕަ މާޓާއި އެ ކުންފުނީގެ ސަޕްލަޔަރު ޝިން ޖިއާން ޗަންގް ވަނީ މައާފަށް އެދިފައެވެ. އަދި، އެ ސްޓާކީނުތައް މިހާރު ވަނީ ފިހާރަތަކުން ނަގައިފައެވެ.

ނަމަވެސް އެ މައްސަލަ އިތުރަށް ހޫނުވީ މެލޭޝިއާގެ ރަސްގެފާނާއި ސިޔާސީ ލީޑަރުންގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. ފުލުހުން ބުނީ ހޯމަ ދުވަހުގެ ނިޔަލަށް 200 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ލިބިފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހިމް ސުލްތާން އިސްކަންދަރު ވަނީ އިސްޓާކީނު ވިއްކި ކުންފުންނީގެ އެ އަމަލު ކުށްވެރިކުރައްވައި، އެ ކަމުގައި ޒިންމާވާ މީހުންނާ މެދު "ހަރުކަށި ފިޔަވަޅު" އެޅުމަށް ގޮވާލައްވައިފައެވެ. ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވެސް ވަނީ އެ އަމަލު ކުށްވެރިކުރައްވައިފައެވެ.

ކޭކޭ މާޓަކީ މުޅި މެލޭޝިއާގައި އެތައް ސަތޭކަ ފިހާރައެއް ހިންގާ ކާމިޔާބު ޗެއިންއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް