ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރަން ކޭބަލްތަކުގެ މައްޗަށް ދަގަނޑު ޖަހާތީ ސްޓެލްކޯގެ އިންޒާރެއް

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ: ޕޯސްޓަރުތައް ހަރުކުރަން ކަރަންޓު ކޭބަލްތަކުގެ މައްޗަށް ދަގަނޑު ޖަހާތީ ސްޓެލްކޯއިން ވަނީ ގެއްލުންވެއްޖެ ނަމަ ބަދަލު ހޯދާނެ ކަމުގެ އިންޒާރު ދީފައި --

މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ކަރަންޓު ވިއުގަގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަގަނޑު ޖަހައިގެން ޕޯސްޓަރާއި އިޝްތިހާރުތައް ހަރުކުރަމުން ދާތީ، ކޭބަލަށް ގެއްލުން ވެދާނެ ކަމަށް ބުނެ ސްޓެލްކޯއިން އިންޒާރެއް ދީފިއެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުން މަގުމަތީގައި ބޮޑު ޕޯސްޓަރުތައް ޖަހަމުންދާ ދަނޑިވަޅެއްގައި ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަރަންޓު ވިއުގައަށް ގެއްލުން ވެއްޖެނަމަ، މަރާމާތުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، ބޮޑު ހޭދައެއް ވެސް ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ އެނަޖައިޒް ވިއުގައަކަށްވުމާ އެކު، ކޭބަލަކަށް ދަގަނޑުފަދަ ތަކެތިން ގެއްލުމެއް ލިބުމަކީ އެކަމެއް ކުރާ މީހެއްގެ ފުރާނައަށް ވެސް ނުރައްކާވާ ޒާތުގެ ކަމެއްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ތަންތަނުގެ އިތުރުން، މަގު ކޮނެ، އިޝްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ އެކަމަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރިއެވެ.

ސްޓެލްކޯއިން ބުނީ، މާލެ ސަރަހައްދުގެ ގުޅިފައިވާ ކަރަންޓުގެ ވިއުގައަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައިފި ނަމަ، އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މާލޭގައި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރަން ހުއްދަތައް ދެނީ ސިޓީ ކައުންސިލުންނެވެ. އެކައުންސިލުން ވަނީ ޕޯސްޓަރު ހަރުކުރަން ޖެހޭ ގޮތްތަކާ ޚިލާފަށް ހަރުކުރާނަމަ ޕޯސްޓަރުތައް ނަގާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގައަކީ 200 މެގަވޮޓް އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ، އަދި ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ. ހަތް ކިލޯމީޓަރުގެ ދުރުރާސްތާއަށް އަޅާފައިވާ މި ވިއުގަ ނިކުންނަނީ މާލޭ މާލޭގެ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132kV ސަބްސްޓޭޝަނުންނެވެ. މި ވިއުގައިގެ ކޭބަލްތައް އަޅާފައިވަނީ މާލޭ އުސްފަސްގަނޑުން ފެށިގެން ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭގައި ހުންނަ އިންޖީނެގޭގެ ސަބްސްޓޭޝަނަށެވެ.

comment ކޮމެންޓް