މި ފޮޓޯއިން ހާލަތު ބުނެދޭ!

ބަހުގެ ގަވައިދާ ހިލާފަށް ލިޔެ ތަތްކޮށްފައިވާ އިސްތިހާރު---

"ރައުމާސް"، "ކުރޫމްބާ"، "ކުލާފިލާފައި"، "ވެލޯމަސް،" މިހެންގޮސް ބޮޑު ލިސްޓެކެވެ.

މިއީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއެއްގައި ލިޔެފައިވާ ލިޔުންތަކެކެވެ. އެތަނުން ލިބެން ހުރި ބައެއް ތަކެތީގެ ލިސްޓެއް ފިހާރައިގެ ބޭރު ބިއްލޫރިގަނޑުގައި ތަތްކޮށްފައި ހުރިއިރު އެ އެއްޗެހި ލިޔެފައި ހުރީ ދިވެހި ބަހުގެ ހަމައަކަށް ނޫނެވެ. އަދި ދިވެހީން ކިޔާ ގޮތަކަށް ވެސް ނޫނެވެ. އޭގެ ބަދަލުގައި ބިދޭސީން، ޚާއްސަކޮށް ބަންގްލަދޭޝްގެ މީހުން އެ ނަންތައް ދިވެހިބަހުން ކިޔާ ގޮތަށެވެ.

މިއީ ކޮން ރަށެއްގެ ކޮން ފިހާރައެއް ކަމެއް ނޭނގެއެވެ. އަދި ތާނައިން ލިޔެފައިވާ އެ އިސްތިހާރުތަކަކީ ބިދޭސީއަކު ކޮށްފައިވާ ކަމެއް ކަމެއް ނުވަތަ މާކެޓިން ސްޓަންޓެއް ކަމެއް ވެސް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ލިޔެފައި ހުރީ ބަހުގެ ހަމަތަކާ ޚިލާފަށް ކަމެވެ. އަދި އެކަމާ މީހުން ކަންބޮޑުވާ ކަމެވެ. މީހުން ކަންބޮޑުވާ ކަމުގެ ހެއްކަކީ އެ ތަނުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާކޮށް މީހުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތަކެވެ.

ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބަލާއިރު ބިދޭސީން މުޅި އެ ދާއިރާއަށް ވަނީ އަތްގަދަ ކޮށްފައެވެ. މި އިސްތިހާރަކީ އެކަމުގެ ހެއްކެއް ކަމަށް ޝުއޫރު ފާޅުކުރި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ މިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިގޮތަށް ހުންނަ އިސްތިހާރުތައް ފިހާރަތަކުގެ އިތުރުން މާރުކޭޓް ގޮޅިތަކުން ވެސް ފެންނަ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެކަމަކު މިއީ ހަމައެކަނި ޖޫރިމަނާކޮށް އަދަބު ދީގެން ހުއްޓުވޭނެ ކަމެއް ނޫން،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މީގެ ސަބަބުން ހަމައެކަނި ނިކަމެތިކަން ލިބެނީ ދިވެހި ބަހަށް ނޫން ކަމަށެވެ. މިއީ ގައުމިއްޔަތަށް ލިބޭ ނިކަމެތި ކަމެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މުޅި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮތްކަމުގެ ރަމްޒެއް މިއިން ދައްކައި ދެނީ. ގާނޫނުތަކުން މަނާ ވިޔަފާރި ކައުންޓަރުތަކުގައި ބިދޭސީން ތިބެން. ބިދޭސީންނަށް ވިޔަފާރި ހުއްދައެއް ދުލެއް ނުކުރޭ. މިއީ ހަމައެކަނި ބަހުގެ މައްސަލައެއް ނޫން. މި މައްސަލަ ކުރިމަތި ވެގެން މިއުޅެނީ ވަރަށް ގިނަ މުއައްސަސާތަކެއް ފެއިލް ވެގެން،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ބިދޭސީއެއް މިފަދަ ކަމެއް ކުރާއިރު އެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި މީހާ އޭނާގެ ޒިންމާ ނަގަށް ޖެހޭ ކަމަށެވެ. މިފަދަ މައްސަލަތައް ހައްލު ކުރެވޭނީ ބަސް ދެކެ ލޯބި ވެގެން ދިވެހިން ޒިންމާ ނަގައިގެން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓާ އުސޫލުން ކޮންމެ ބިދޭސީއެއްގެ ފަހަތުގައި އެކެޑަމީގެ މީހަކު ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން،" އަޝްރަފް ވިދާޅުވިއެވެ.

"މިފަދަ ތަންތަން ފެނުނީމަ އެ ތަނުގެ ސޭޓު ކައިރި ބުނަން އެބަ ޖެހޭ މި އެއްޗެހި ނަގާށޭ. މި ރަނގަޅު ކުރާށޭ. އަދި އޭގެ ރަނގަޅު ގޮތް ބުނެދޭން ޖެހޭ."

comment ކޮމެންޓް