ޑޮލަރުގެ އަގު ދަށްވީ ފައިސާ ޗާޕުކުރުން ހުއްޓާލުމުން ކަމަށް ބުނެ ހަދަނީ ދޮގު: ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު -- ފޮޓޯ/ އެމްޑީޕީ

ޑޮލަރުގެ އަގުހެޔޮވީ ފައިސާ ޗާޕުކުރުން ހުއްޓާލުމުން ކަމަށްބުނެ، މި ސަރުކާރުން ހަދަނީ ދޮގު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އިފްހާމް ހުސައިންގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.

އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިމަހުގެ ހަޔެއްގައި ދ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ޞާލިޙް ވިދާޅުވީ އަހަރު ފެށޭކޮޅަކީ ރާއްޖޭގެ ރެވެނިއު އިތުރުވާ ދުވަސްވަރެއް ކަމަށާއި، އެއީ ތަބީއީގޮތުން އެކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ.

ޑޮލަރުގެ އަގު 17.50 ރުފިޔާގައި ހިފެހެއްޓިފައި އޮތް ކަމަށް ފަހުރުވެރިކަމާ އެކު ސަރުކާރުން ބުނި ނަމަވެސް، 2023ގެ މި މުއްދަތުގައި ޑޮލަރުގެ އަގު ހުރީ 16.70 ރުފިޔާއަށް ކަމަށް ޞާލިޙް ވިދާޅުވިއެވެ. އަދި 2022ވަނަ އަހަރުގެ ރޯދަމަހުގެ ތެރޭގައި ޑޮލަރުގެ އަގު ހުރީ 16.20 ރުފިޔާގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއީ ތަބީއީ ގޮތުން ރާއްޖޭގެ ރެވެނިއު އެންމެ މަތިވާ ދުވަސްވަރު ކަމަށްވާތީ، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ދުވަސްވަރުކަމަށްވާތީ، މިކަން އާންމުކޮށް ވަމުން އަންނަ ގޮތް. އަޅުގަނޑު ބޭނުންވަނީ މި ރޭޓުގައި ވީހާ ވެސް ދަށްކޮށް ޑޮލަރު ލިބޭ ގޮތަށް ހުރުން. މިކަން ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު،" ޞާލިޙް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ރައްޔިތުންނަށް އޮޅުވާލައި، މާ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ޑޮލަރުގެ އަގު ދަށްކުރީކަމަށް ހެދީމަކާއެއް ރަނގަޅެއް ނޫން. އެއީ އެ ހަދަނީ ދޮގު. އޮޅުވާލަނީ. އިސްރާފު އެ ކުރައްވަނީ."

ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ޞާލިޙުގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށް، ފައިސާ ޗާޕުކުރިއެވެ. އެ ހާލަތު ދަންމާލައި އެ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ ދިނެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާނުލި ނަމަ، ދިވެހިރާއްޖެ ބަނގުރޫޓުވެ، ޑޮލަރުގެ އަގު އަތު ނުޖެހޭ ވަރަށް އުފުލޭނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގްތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ދިވެހި އިގްތިސާދު ވަރުގަދަ ކުރުމަށް ބޭރު ގައުމުތަކުގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ވެސް ސަރުކާރުން މީގެ ކުރިން ވެސް އޮތީ މަޝްވަރާތައް ކޮށްފައެވެ. އަދި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން، އެ ފަރާތްތަކުން މިކަމުގައި އެއްބާރުލުން ދޭނެކަން ހާމަކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

comment ކޮމެންޓް