އަރުނާޗަލް ޕްރަދޭޝްއަކީ އިންޑިއާގެ ބައެއް ކަމަށް އެމެރިކާއިން ބުނެފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަރޫނާޗަލް ޕްރަދޭޝްގައި އޮންނަ ޗައިނާގެ ބޯޑަރާ ހަމައަށް ދަތުރުކުރާ އިންޑިއާގެ ޓެޒްޕޫރު-ޓަވަންގް ހައިވޭ -- ފޮޓޯ/ރޮއިޓާސް

އަރުނާޗަލް ޕްރަދޭޝްއަކީ އިންޑިއާގެ ބައެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ޗައިނާއާއި އިންޑިއާގެ ސަރަހައްދީ ރޮނގު ހިއްސާކުރާ އަރުނާޗަލް ޕްރަދޭޝްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ވަރަށް ބޮޑަށް ދެކޮޅުކަން ވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާއިން ދައުވާކުރާ ގޮތުގައި އަރޫނާޗަލް ޕްރަދޭޝްއަކީ އެ ގައުމުގެ ދެކުނު ޓިބެޓްގެ ބައެކެވެ. ނަމަވެސް އަރޫނާޗަލް ޕްރަދޭޝްއަކީ އަބަދު ވެސް އިންޑިއާގެ ބައެއް ކަމަށް ބުނެ އިންޑިއާއިން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

އެ ކަމާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އަރުނާޗަލް ޕްރަދޭޝްއާ ގުޅިގެން ޗައިނާއިން އަބަދު ވެސް އެއްވެސް އަސާސެއް ނެތް ދައުވާތައް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އިންޑިއާއިން ވަކިނުކުރެވޭނެ ތަނެއް ކަމަށެވެ.

ކުރިން 2020 ވަނަ އަހަރު ހުޅަނގު ހިމާލަޔާގެ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.

އަރުނާޗަލް ޕްރަދޭޝްގެ މިލްކުވެރިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި 1962 ވަނަ އަހަރު ސަރަހައްދީ ހަނގުރާމައެއް ވެސް ކުރިއެވެ. އޭގެފަހުން 2020 ވަނަ އަހަރު ވެސް ސަރަހައްދީ ހަމަނުޖެހުން ހިންގައި އިންޑިއާގެ 20 ސިފައިންނާއި، ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ. އެ ހަމަނުޖެހުންތަކަށް ފަހު ދެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އިތުރު ސިފައިންނާއި ސާމާނު ބަހައްޓައި ސަރަހައްދީ ރޮނގު ވަރުގަދަކޮށްފައެވެ.

ފަހަކަށް އައިސް އޭޝިއާ އަދި އިންޑޯ ޕެސިފިކް ސަރަހައްދުތަކުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާތީ، އެމެރިކާއާއި އިންޑިއާގެ ގުޅުން ވަރުގަދަކޮށްފައިވާކަމަށް މަޝްރަހު ދިރާސަކުރާ ފަރާތްތަކުން ބުނެއެވެ.

ވިޔަފާރީގެ ޓެރިފްތަކާއި، ކޯވިޑް-19 ބަލިމަޑުކަމުގެ އަސްލާއި، އިންސާނީ ހައްގުތަކާއި، ޓައިވާނުގެ މައްސަލަ އަދި، ހޮންކޮންގުގައި ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނު ފަދަ މައްސަލަތަކާ ގުޅިގެން އެމެރިކާއާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

comment ކޮމެންޓް