ރޯދަމަހު ފަހު ދިހައެއްގައި ޑީޖޭއޭއިން ދޭނީ ދެ ޚިދުމަތެއް

ފެބްރުއަރީ 15، 2021: ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހުގެ ފަހު ދިހައެއްގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ދެ ޚިދުމަތެއް ފޯރުކޮށްދޭން ނިންމައިފިއެވެ.

ޑީޖޭއޭއިން ބުނީ، މިމަހުގެ 30އިން އަންނަ މަހުގެ ނުވައަކަށް ދިމާވާ ފަހު ދިހައިގެ ދުވަސްތަކުގައި އެ އެޑްމިނިސްޓްރޭޝަނުން ދޭނީ ކުށާއި ދަރަނީގެ ރިކޯޑް ސާފުކޮށްދިނުމާއި ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކުރުމުގެ ޚިދުމަތް ކަމަށެވެ.

ޑީޖޭއޭއިން ބުނީ އެ ޚިދުމަތްތައް ދޭން ނިންމާފައިވަނީ، ރޯދަމަހުގެ ފަހު 10 ބަންދުކުރި ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް އެ ދުވަސްތަކުގައި ވެސް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ރައީސް އޮފީހުން އަންގައިފައިވާތީ ކަމަށެވެ.

މީގެ އިތުރުން، ބަންދު ދުވަސްތަކުގައިވެސް ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދޭކަން އެ ޑިޕާޓްމެންޓުން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ކުރިއަށް އޮތީ އީދު ބަންދުކަމަށްވެފައި، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ކޮންމެހެން ވެސް ލިބޭނޭ ގޮތް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައި ވާތީ އެކަމަށް ވެސް ރިއާޔަތްކުރި ކަމަށް ޑީޖޭއޭއިން ބުންޏެވެ.

comment ކޮމެންޓް