ބޭރުގެ ވިޔަފާރިވެރިންނަށް އިންވެސްޓު ކުރެވޭގޮތަށް އައްޑޫގައި ފިޝްހަބެއް ހަދަނީ

އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް

ބޭރުގެ ވިޔަފާރިވެރިންނަށް އިންވެސްޓު ކުރެވޭނެހެން އައްޑޫ ޕޯޓު އޭރިއާގައި އިންޓަނޭޝަނަލް ފިޝްހަބެއް ހަދަން ނިންމާފައިވާ ކަމަށް، މޯލްޑްވިސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފިއެވެ.

މިއަދު އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އައްޑޫގައި ފްރީ ޒޯނެއް ގާއިމުކޮށް އެތަނުގައި އިންޓަނޭޝަނަލް ފިޝް ހަބެއް ހަދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަސްކޮޅު ވިއްކާލުމަށް ފަހު ފައިސާ ނުލިބިގެން މަސްވެރިން މުޒާހަރާ ކުރާތަން ފެންނަ ކަމަށާއި އެކަމަށް ހައްލެއް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމަށް ހައްލު ގެނައުމަށްޓަކައި ހުރިހާ ދިމާލަކުން އުފެއްދުންތެރި ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ. އެގޮތުން އެމްޕީއެލްގެ ވިސްނުމަކީ އައްޑޫ އޭރިއާގައި ފްރީ ޒޯން އޭރިއާ އެއް ހެދުން ކަމަށް ވިދާޅުވިއެވެ.

"އޭރުން މިތަނަށް އަންނާނެ ދުނިޔޭގެ ބޮޑެތި މަހުގެ މަސައްކަތް ކުރާ ކުންފުނިތައް. އައިސް އެތަނުގައި އެ މީހުންގެ ފެކްޓްރީތަކާއި މި ހުރިހާ ކަމެއް އެތާގައި ޕްރޮސެސް ކޮށްފަ ދެން އެ މީހުން ދުނިޔޭގެ ތަންތަނަށް ފޮނުވާނީ" ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް

އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ ކަންތައްތަކަކަށް ބަދަލު ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަޖީހު ވަނީ ރާއްޖެއިން ބޭރުން ގެންނަ ކޮންޓެއިނާ ކާގޯ އެއާ ފްރައިޓް ކޮށް އެކްސްޕޯޓް ކޮށްދިނުމުގެ ޚިދުމަތް ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެނިމިފައިވާ ކަމަށް ވިދާޅުވެފައެެވެ. އަދި އެ ޚިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު މާލޭގައި އޮތް ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލު ކުރުމަށްޓަކައިވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް