ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ހުޅުމާލެ ފޭސް ދޭއްގައި ހުޅުވި ވަގުތީ މިސްކިތް --- ފޮޓޯ/ އެޗްޑީސީ

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ފޭސް ދޭއްގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މިސްކިތަކީ ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލެ ހިޔާ ޕާކް ސަރަހައްދުގައި މިއަދު ހުޅުވި މިސްކިތެއް ކަމަށެވެ.

އެގޮތުން މަސްޖިދުއް ޝާކިރީން ކިޔާ މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިޔުމަށް ދުރު ސަރަހައްދަކަށް ދާން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުޅުވި މިސްކިތެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހުޅުވި ވަގުތީ މިސްކިތް --- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީއިން ބުނީ މި މިސްކިތުގައި އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭނެ ކަމަށާއި އަންހެނުންނަށް ވެސް ނަމާދު ކުރުމުގެ އިންތިޒާމް މި މިސްކިތުގައި ހަމަޖައްސައިފައިވާ ކަމަށެވެ.

އެއާއެކު، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.

މީގެއިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި ދާއިމީ މިސްކިތެއް މާދަމާ ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުރިން ވިދާޅުވެފައެވެ.

އެ މިސްކިތާ ގުޅޭގޮތުން ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށެވެ.

comment ކޮމެންޓް