ނަޕޯލީއިން ޔުވެންޓަސް ބަލިކޮށް ޔޫރަޕުން ޖާގައެއް ހޯދުމަށް ކުރާ އުންމީދުއާކޮށްފި

ނަޕޯލީ މޮޅުވި ލަނޑު ޖަހައިދިން ރަސްޕަޑޯރީ / ފޮޓޯ: ޔޫރޯސްޕޯޓް

އިޓާލިއަން ސެރީއާގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނަޕޯލީއިން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޔޫރަޕުން ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ނަޕޯލީއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސް އިންނެެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ ނަޕޯލީއިންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި މިލަނޑު ޖަހައި ނަޕޯލީއަށް ލީޑު ނަގައިދިނީ ހަވީޗާ ކްރަވާޓްސްހޭލިއާއެވެ. މިލަނޑާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްލަނޑު ސުންލަނޑުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކޮށްފައެވެ. މިގޮތުން އެޓީމުން ކުރަމުންދިޔަ މަސައްތުގެ ނަތީޖާއަކަށްވީ މެޗުގެ 81 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

އެ ލަނޑާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް މެޗުގެ 88 ވަނަ މިނެޓުގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީއާއެކު މިމެޗުން ނަޕޯލީ މޮޅުވުމުގެ ފުރުސަތު އަނެއްކާ ލިބުނެވެ. ވިކްޓާ އޮސިމްހޭން ފޮނުވާލި ޕެނަލްޓީ ޔުވެންޓަސްގެ ކީޕަރު ވޮއިސިއެކް ޝޫޒްނީ ދިފާއުކުރި ނަމަވެސް ކީޕަރު ގައިގައި ޖެހިފައި ބޭރަށް ނުކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ޖިއަކޯމޯ ރަސްޕަޑޯރީވަނީ ނަޕޯލީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މިކާމިޔާބީއާއެކު ނަޕޯލީ މިހާރު ވަނީ 27 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ހަވަނައިގައި އުޅޭ އަޓްލާންޓާއާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަވެފައިވުމާއެކު އެޓީމުން މިއަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކުން ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު މިވަނީ އާވެފައެވެ. އަދި މިމެޗުން ބަލިވުމުން ޔުވެންޓަސް އުޅެނީ 57 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.

comment ކޮމެންޓް