ގައުމުތަކުގެ ވެރިންނަށް އިޙުތިރާމު ކުޑަކުރާ އޮފިޝަލުންނަށް ފިޔަވަޅު އަޅަން ޖެހޭ: ފާރިސް

ފާރިސް މައުމޫން: ގައުމުތަކުގެ ވެރިންނަށް އިޙުތިރާމު ކުޑަކުރާ އޮފިޝަލުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފާރިސް ވިދާޅުވި -- ސަން ފޮޓޯ

ރާއްޖެއާ ގާތް ގައުމުތަކުގެ ވެރިންނާއި އިސް އޮފިޝަލުންނަށް އިޙުތިރާމް ކުޑަވާ ގޮތަށް ވާހަކަދައްކަވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް އެހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ކެމްޕެއިނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރެއިން ބައެއް އެކްޓިވިސްޓުންގެ ޕޯސްޓުތަކަށް ދިވެހިން ރައްދު ދީފައިވާއިރު އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެއެވެ.

އެ ބޭފުޅުންގެ އެކްސްގައި ކުރެއްވި ޕޯސްޓުތަކާ ގުޅިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޭގެ ތެރެއިން ފާރިސް ވިދާޅުވީ، އެގޮތަށް ވާހަކަ ދައްކަވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު ނާޅައިފި ނަމަ، އެ ވާހަކަތަކަށް ސަރުކާރުން ތާއިދު ކުރާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ފާރިސްގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހުން ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެގައުމުގެ ރައްޔިތުންނާ ގުޅޭ ގޮތުން ސަރުކާރުގެ ބައެއް އޮފިޝަލުން ދައްކަވާ ވާހަކަތަކަކީ، ސީދާ ސަރުކާރުން ދެކޭ ގޮތް ނޫންކަން ސާފުކޮށްދޭން ޖެހޭ ކަމަށް ބުނެފައެވެ.

ރާއްޖެއާއި އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދުވީޕާ އަޅައިބަލައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ފަހުން ލަކްޝަދުވީޕަށް ވަޑައިގެންނެވިކަން އެކްސްގައި ހާމަކުރެއްވި ފަހުންނެވެ.

މޯދީގެ ސަރުކާރަށް ތާއިދުކުރާ އެކައުންޓުތަކުން ވަނީ، އެއީ އިންޑިއާގެ ފަތުރުވެރިން ރާއްޖޭގެ ބަދަލުގައި ލަކްޝަދުވީޕްއަށް ދިޔުމަށް ބޮޑުވަޒީރު ގޮވާލެއްވުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް ބައެއް މީހުން ލަފާކޮށްފައިވެއެވެ.

އެ ކެމްޕެއިން ގުޅުވާފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ހަރަކާތާއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ހަރަކާތުގެ މަގުސަދު ފުއްދަވައި، އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދުފުޅާއެކުގައެވެ. މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.

comment ކޮމެންޓް