މާލީ ބަޔާން ފުރިހަމަވީ ރައީސް މުއިއްޒާއި ޞާލިޙާއި ގާސިމްގެ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައިސް އޮފީސް

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުއްވި މާލީ ބަޔާނުގެ ތެރެއިން ގާނޫނުގައި ބުނާ މިންގަނޑުތަކަށް ފެތެނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މާލީ ބަޔާން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ސަން"އަށް ވިދާޅުވީ އެ ތިން ބޭފުޅުން ފިޔަވައި ދެން ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަނުވާ ކަމަށެވެ. މާލީ ބަޔާނާއެކު ހުށަހަޅަން ޖެހޭ މައުލޫމާތުގެ ތެރޭގައި ހުރިހާ ބިލްތަކާއި ބޭންކް ސްޓޭޓުމެންޓުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ބޭފުޅުންގެ އެކި ކަންތައްތައް [ފުރިހަމަނުވެ] ހުރީ. ޖުމްލަ ގޮތެއްގައި ގާނޫނުން ލާޒިމުކުރާ ކަންކަން ހުށަހަޅާފައި ނެތީމަ ޖޫރިމަނާ ކުރަން ނިންމީ،" ހަބީބް ވިދާޅުވިއެވެ.

އެ ފަސް ކެންޑިޑޭޓުންނަކީ:

  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް
  • އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމް
  • އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން
  • އަމިއްލަ ގޮތުން ވާދަކުރެއްވި ޙަސަން ޒަމީލް
  • އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު

ގާނޫނުގައިވާ ގޮތުގެ މަތިން އެ ފަސް ކެންޑިޑޭޓުން ވެސް ޖޫރިމަނާ ކުރާނީ 20،000 ރުފިޔާއިން ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެ ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ވެސް 6،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި އެ އެންމެންނަށް ވެސް ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައިނުވާތީ ބޭއްވި ދެވަނަ ބުރުގައި ވާދަކުރެއްވީ ރައީސް ޞާލިޙާއި ރައީސް މުއިއްޒެވެ.

ރައީސް މުއިއްޒަށް 54 ޕަސެންޓް ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.

އީސީން މާލީ ބަޔާން ހުށަހަޅަން ދިނީ މިދިޔަ މަހުގެ 30ގެ ނިޔަލަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބަލާއިރު އޭރުގެ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޞާލިޙާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މާލީ ބަޔާން އީސީއަށް ހުށަހެޅިއިރު އެ ކޮމިޝަނުން ބުނީ ގާތްގަނޑަކަށް ދެ ކެންޑިޑޭޓުން ވެސް ޚަރަދުކޮށްފައި ވަނީ އެއްވަރަކަށް ކަމަށެވެ.

comment ކޮމެންޓް